ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާނާ އެކީ ފުރަތަމަ ފަހަރަށް ޗާޕްކުރި 50ރ. ގެ އާ ނޫޓް މިއަދު ރަސްމީކޮށް އިގުތިސާދުގެ ތެރޭގައި ދައުރުކުރަން ފަށައިފި އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ ނޫޓް ބޭނުންކުރަން ފެށި ނަމަވެސް މިހާތަނަށް ބޭނުން ކުރަމުން އައި 50ރ. ގެ ނޫޓް ވެސް ބޭނުން ކުރާނެ ކަމަށެވެ.
އާ ނޫޓް ދައްކައިލީ މިދިޔަ މަހުގެ 13 ގަ އެވެ. ރުފިޔާގެ ނިޝާން ހިމަނާފައި ވަނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާ އެކީ އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކީގަ އެވެ. ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ މިހާރުގެ ގަވަނަރު އަލީ ހާޝިމެވެ. މި ނޫޓުގައިވާ ތާރީހަކީ ސެޕްޓެމްބަރު 8، 2022، ސަފަރު 12، 1444 އެވެ.
ރާއްޖޭގައި 2016 އިން ފެށިގެން ސެކިއުރިޓީ ގޮތުން ވެސް ވަރުގަދަ ޕޮލިމާ ނޫޓް ބޭނުން ކުރަމުން އަންނަ އިރު، ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާން ތައާރަފުކުރީ މި އަހަރުގެ ޖުލައި މަހު އެވެ.