Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ޝާހްރުކް ސައުދީގެ ޝެޑިއުލް ނިންމާލައިފި

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމު "ދުންކީ" ގެ ސައުދީ އަރަބިއްޔާގެ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

މި ވާހަކަ ފިލްމުގެ ބަތަލު ޝާހްރުކް އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނީ ޝެޑިއުލް ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި ސައުދީގެ ކަލްޗަ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ. "ދުންކީ" ގެ ޝޫޓިން އަށް ސައުދީ އަށް ފިލްމުގެ ކާސްޓާއި ކްރޫ ދިޔައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ދުންކީ" އަކީ ކުޅަދާނަ ޑައިރެކްޓަރު ހިރާނީއާ އެކީ ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އަދި މީގެ ބަތަލާ އަކީ އޭނައާ އެކީ އަލަށް މަސައްކަތްކުރާ ތާޕްސީ ޕައްނޫ އެވެ. "ދުންކީ" ގެ މަންޒަރުތަކެއް ކުރިން އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ލޮކޭޝަންތަކުގައި ވެސް ނަގާފައިވެ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. "ދުންކީ" އަކީ އަންނަ އަހަރަށް އޮތް ޝާހްރުކްގެ ތިން ފިލްމުގެ ތެރެއިން ފަހު ފިލްމެވެ. ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 25 އަށް ތާވަލުކޮށްފައި އޮތް "ޕަތާން" އެވެ. މީގެ އާ ޕޯސްޓަރެއް ވެސް މިއަދު ވަނީ ދައްކާލައިފަ އެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

ދެވަނަ ފިލްމަކީ ޖޫން 2 އަށް ތާވަލުކޮށްފައި އޮތް ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ޖަވާން" އެވެ.

ޝާހްރުކް އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓްގައި ރިލީޒްކުރި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފިލްމު "ބުރައްމަސްތުރާ" ގެ ހާއްސަ ފެނިލުމަކުންނެވެ.