Last Updated: April 24, 09:10
Wednesday, April 24, 2024
ޚަބަރު

ރައްޔިތުން ދެން ބައެއް މެންބަރުން ބަލައެއް ނުގަންނާނެ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުން، ބައެއް މަޖިލިސް މެންބަރުން ދެން ބަލައި ނުގަންނާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާކަން ފާހަގަކޮށްފައެވެ. އަދި އިތުރު ދައުރަކަށް އެ މެންބަރުން ހޮވުމަށް މަސައްކަތް ކޮށްދޭނަންތޯ ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ކަމަށާއި، އަދި މި މަސައްކަތުގައި ބައެއް ފަހަރު ކާމިޔާބު ވާކަމަށާއި، އަދި ބައެއްފަހަރު ނާކާމިޔާބުވާތަންވެސް ދިމާވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަކި ހިސާބަކުން އެބޭފުޅުންގެ ހިޔާލު ބަދަލުވާގޮތްވެސް ދިމާވާކަމަށާއި، ހިޔާލުބަދަލުވުމަށްފަހު ނަފުރަތުގެ ނަޒަރަކުން ވާހަކަދައްކާތަންވެސް އަންނަ ކަމަށެވެ.

"އާދެ، އަޅުގަނޑުވެސް ދެރަވޭ. އެހެންނަމަވެސް މި މަސައްކަތަކީ ކޮން މަސައްކަތެއްކަން އިނގިހުރެ އަޅުގަނޑު މިކަމުގައި މި އުޅެނީ." މެންބަރުންގެ ނަފުރަތު އަމާޒުވާ ވާހަކައިގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެފަދަ މެންބަރުން ގޮވައިގެން، އެ މެމްބަރުން އަނެއްކާވެސް އިންތިހާބު ކުރުމަށް ރައްޔިތުންގެ ގާތަށް ދިއުމުގެ ފުރުސަތު މިހާރު ބަންދުވެފައިވާކަމަށެވެ. އެބޭފުޅުން ގޮވައިގެން މިހާރު މަސައްކަތް ކުރެވެނީ އެއީ ރައްޔިތުން ބަލައިގަނެފައިތިބި މެންބަރުނަށް ވާތީކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަފެނުމުގައި ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މިހާރު ރައްޔިތުން ބަލައިގަންނާނެ ބޭފުޅުންނެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.