ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނުނަގާ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ހެދި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުން ދެކޭގޮތް ހޯދުމަށްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނުނަގައި، ރިޔާސީ ޕްރައިމަރީއެއްގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހުރި ވައުދުތައް ނުފުއްދާ ރިޔާސީ ޕްރައިމަރީއަކަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރު ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަޑުފެތުރިފައިވާއިރު، އެމްޑީޕީން ބުނެފައިވަނީ ޕްރައިމަރީއަށް ހުޅުވާލާނީ އެކަމަށް ކަނޑައަޅަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ވުމަށްފަހު ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ހާމަކުރައްވާފައެވެ.