Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ފެނަކައާ ބެހޭ އަޑުތައް ބަލައެއް ނުގަނެވޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނަކަ ކޯޕަރޭޝަނާ ގުޅޭގޮތުން މިހާރު އިވޭ އަޑުތައް އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުން ވަނީ ލ. ހިތަދޫ ފެންކައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެކަމުގައި ކުރިމަތިވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބޮޑުކުރާކަމަށްވާނަމަ އަބަދުވެސް އެފަދަ މައްސަލަތައް ނިކުންނާނެ ކަމަށެވެ.

އެމްޑީޕީގެ ސިޔާސަތަކީ ޕްރައިވެޓް ސެކްޓާއަށް އެހީތެރިވެދިނުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ފަރާތްތަކުން ކަންކަންކުރާއިރު ކޮރަޕްޝަންގެ ކަންކަން މަދުވާނެ ކަމަށެވެ. ކޮރަޕްޝަންގެ އަމަލުތައް ގިނަވެގެން އުޅެނީ ސަރުކާރު ކުންފުނިތަކުގައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފެނަކަވެސް ޕްރައިވަޓައިޒްކޮށް އަމިއްލަ ފަރާތަކާގުޅިގެން ހިންގާނަމަ ކޮރަޕްޝަންގެ އަމަލުތައް މަދުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފެނަކައާ ގުޅޭގޮތުން މިހާރު އިވޭ އަޑުތައް އެއްގޮތަކަށްވެސް ބަލައިނުގަނެވޭކަމަށެވެ. އަދި ފެނަކައިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދޭތެރެއަކުން ފެނަކައިގެކަންކަން ހިނގާގޮތާމެދު ނުރުހުން ފާޅުކޮށް ވާހަކަ ދައްކައެވެ. އެގޮތުން އެންމެ ބޮޑަށް ދެކެވެނީ ވަޒީފާގެ ބިރުދައްކާ ވާހަކައާއި ކޮރަޕްޝަންގެ ވާހަކައެވެ.