އިންޑިއާގެ ރެމިޓަންސް ނުވަތަ ގައުމުން ބޭރުގައި އުޅޭ ރައްޔިތުން ގައުމަށް ފޮނުވާ ފައިސާގެ އަދަދު މި އަހަރު ނިމޭ އިރު 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
އެތަނުން ބުނީ މިކަން ވާނީ ގައުމެއްގެ ރެމިޓަންސް އެ އަދަދަށް އަރާ ފުރަތަމަ ފަހަރަށް ކަމަށެވެ. އިންޑިއާ އަކީ އިގުތިސާދީ ގޮތުން އޭޝިއާގެ ތިން ވަނަ ގަދަ ބާރެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ބޮޑެތި މުސާރަތައް ލިބޭ ތަރައްގީވެފައިވާ ގައުމުތަކުގައި މަތީ ފަންތީގެ ވަޒީފާ އަދާކުރާ އިންޑިއާ މީހުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އެމެރިކާ އަދި ސިންގަޕޫރް ފަދަ ގައުމުތަކުގައި އިންޑިއާ މީހުން އަންނަނީ ނުފޫޒު ގަދަ މަގާމުތައް އަދާކުރަމުންނެވެ.
Remittances to low- and middle-income countries withstood global headwinds in 2022 to grow at an estimated 5% to reach $626 billion.
More data in the @gloalknomad report: https://t.co/F04VnxHNAJ pic.twitter.com/iQZHtuPST2
— World Bank (@WorldBank) December 1, 2022
މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އާއި ކުވައިތާއި ގަތަރު ފަދަ ގައުމުތަކުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އިންޑިއާގެ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރެމިޓަންސްގެ ގޮތުގައި މިދިޔަ އަހަރު އިންޑިއާ އަށް 89.4 ބިލިއަން ޑޮލަރު ވަނެވެ. އަދި އެއީ އެ އަހަރު އެންގެ ގިނަ ރެމިޓަންސް ވަން ގައުމު ވެސް މެ އެވެ.
އިންޑިއާ އަށް ގައުމުން ބޭރުން އެތެރެވާ އާމްދަނީއާ އެކީ އާންމުންގެ ދިރިއުޅުމިގެ ހާލަތު ރަނގަޅުވެ، ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް މަތީ ތައުލީމަށް ކިޔެވުމަށް ވެސް މަގުފަހިވަމުން އަންނަކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.
އިންޑިއާގެ ފަހަތުން ދެން މި އަހަރު އެންމެ ގިނަ ރެމިޓަންސް ވަންނާނެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެކްސިކޯ އާއި ޗައިނާ އާއި ފިލިޕީންސްގެ އިތުރުން މިސްރެވެ.