ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އެފްގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ބެލްޖިއަމް އެވެ.
ކްރޮއޭޝިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ ބައްދަލުކޮށް ކްރޮއޭޝިއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ކެނެޑާގެ މައްޗަށް 4-1 އިން ކުރި ހޯދާފަ އެވެ. ބެލްޖިއަމް ފުރަތަމަ މެޗުގައި ކެނެޑާ އަތުން 1-0 އިން މޮޅުވިއިރު ދެވަނަ މެޗުގައި އެޓީމު ވަނީ މޮރޮކޯ އަތުން 2-0 އިން ބަލިވެފަ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ކްރޮއޭޝިއާ އަށް މިރޭގެ މެޗުން ބޭނުންވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު ދެވަނަ ބުރަށް ދިޔުމަށް މިރޭގެ މެޗުން މޮޅުވުން ބެލްޖިއަމަށް ވަރަށް މުހިއްމެވެ.
ކްރޮއޭޝިއާ އަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕް ކަމަށްވާއިރު އެޓީމު މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. އެގޮތުން އެންމެފަހުން ކުޅުނު 8 މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައި ނުވާއިރު ޔޫރޯ އަށްފަހު ކުޅުނު 18 މެޗުގެ ތެރެއިން އެޓީމު ބަލިވެފައިވަނީ ވެސް އެންމެ މެޗަކުންނެވެ. ނަމަވެސް ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗަށް ވުރެ މިރޭގެ މެޗު ވެގެންދާނީ ކްރޮއޭޝިއާ އަށް ބޮޑު ޗެލެންޖެކެވެ. އެންމެފަހުން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައިވުމުން އެޓީމު މިރޭ ނިކުންނާނީ އެ ސިލްސިލާ އަށް ނިމުން ގެނައުމަށެވެ.
ވޯލްޑް ކަޕްގެ ތިންވަނަ އެންމެފަހުން ހޯދި ބެލްޖިއަމުން ވަނީ މުބާރާތުގައި އެންމެފަހުން ވާދަކުރި ތިން ފަހަރު ވެސް ގްރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފަ އެވެ. ބެލްޖިއަމް ދެވަނަ ބުރަށް ނުގޮސް އެންމެފަހުން ކެޓީ 1998 ވަނަ އަހަރު އެވެ. މިފަހަރުގެ މުބާރާތުން ކެޓުމުގެ ބިރު ބެލްޖިއަމަށް އޮތްއިރު މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ވެސް އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބެލްޖިއަމް ބަލިވެފައިވާއިރު އެންމެފަހުން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ބަލިވެފައި ނެތުމަކީ ބެލްޖިއަމަށް މިރޭގެ މެޗަށް ނިކުންނައިރު ލިބޭނެ ހިތްހަމަޖެހުމެކެވެ.
ކްރޮއޭޝިއާ
ވޯލްޑް ކަޕްގައި އެންމެފަހުން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން ކްރޮއޭޝިއާ ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެ 10 މެޗުގެ ތެރެއިން ހަ މެޗުން ކްރޮއޭޝިއާ ވަނީ މޮޅުވެފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ކްރޮއޭޝިއާ ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ހަތަރު މެޗުން ކްރޮއޭޝިއާ ވަނީ މޮޅުވެފަ އެވެ.
މި މެޗުގައި އަނިޔާގެ ސަބަބުން ކްރޮއޭޝިއާގެ ނިކޮލާ ވްލަސިޗަށް ނުކުޅެވޭއިރު މި މެޗުގައި ރީނދޫ ކާޑެއް ދައްކައިފިނަމަ ދެވަނަ ބުރުގެ މެޗުގައި ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗަށް ނުކުޅެވޭނެ އެވެ.
ބެލްޖިއަމް
ކްރޮއޭޝިއާއާ ދެކޮޅަށް އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ބެލްޖިއަމް މޮޅުވެފައިވާއިރު އެ މެޗުތަކުގައި ބެލްޖިއަމް މޮޅުވި ގޯލްތައް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ގްރޫޕް ސްޓޭޖުގައި މޮރޮކޯ އަތުން އެންމެފަހުން ބެލްޖިއަމް ބަލިވިއިރު އެޓީމު އެންމެފަހުން ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވީ 1982 އަދި 1986 އެވެ. އެފަހަރު ޖެހިޖެހިގެން ތިން މެޗުން ބެލްޖިއަމް ވަނީ ބަލިވެފަ އެވެ.
ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ބެލްޖިއަމްގެ މިޑްފީލްޑަރު އޮނާނާ އަށް ނުކުޅެވޭއިރު އޭނާގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ޔޫރީ ޓީލަމެންސް އެވެ. އަދި އަނިޔާ އިން ރަނގަޅުވެފައިވާ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅޭނެ ކަމަށް ބެލެވެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު މީގެކުރިން 8 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު ކްރޮއޭޝިއާ އަދި ބެލްޖިއަމަށް ވެސް މޮޅުވެފައިވަނީ ތިން މެޗުންނެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ މިދިޔަ އަހަރު އެވެ. އެ މެޗު 1-0 ކާމިޔާބުކުރީ ބެލްޖިއަމުންނެވެ.
ކްރޮއޭޝިއާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.