Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕްގައި ސަޕޯޓުކުރަނީ އިންގްލެންޑަށް، ކާމިޔާބު ލިބޭނެ

ރައީސް މުހައްމަދު ނަޝީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ތާއީދުކުރައްވަނީ އިންގްލެންޑަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވޯލްޑް ކަޕްގައި ތާއީދުކުރައްވަނީ ކޮން ޓީމަކަށްތޯ ސުވާލު ކުރެއްވުމުން ނަޝީދު ވިދާޅުވީ ތާއީދުކުރައްވަނީ އިންގްލެންޑަށް ކަމަށާއި އެއީ ފެށުނީއްސުރެ ވެސް އެކަން އޮތް ގޮތް ކަމަށެވެ. ފުޓްބޯޅައިގައި އިންގްލެންޑަށް ކުރި ނަމަވެސް ކްރިކެޓުގައި ސަޕޯޓު ކުރައްވަނީ ސްރީލަންކާ އަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންގްލެންޑްގެ ކެޕްޓަނަކަށް މިހާރު ހުރީ ޓޮޓެންހަމްގެ ކުޅުންތެރިއަކަށް ވުމުން ވާނެ ގޮތެއް ނޭނގޭ ކަމަށާއި އާންމުކޮށް ވޯލްޑް ކަޕް އިންގްލެންޑަށް ހޯދައިދެވޭނެ ކަމަށް ދެކެނީ ލިވަޕޫލްގެ ކުޅުންތެރިއަކަށް ކަމަށް ކަމަށެވެ. އިންގްލެންޑްގެ ކެޕްޓަނަކީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެވެ.

"ދެން އެކަމު އިރާދަކުރެއްވިއްޔާ އިނގިރޭސި ޓީމަށް ކާމިޔާބު ލިބިގެންދާނެ." ނަޝީދު ވިދާޅުވި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ބީ ގެ އެއްވަނަ ހޯދައިގެން އިންގްލެންޑް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ދެވަނަ ބުރުގައި އެޓީމު ނިކުންނާނީ އެފްރިކާގެ ޗެމްޕިއަނުން ކަމަށްވާ ސެނެގާލްއާ އެވެ.

އިންގްލެންޑް އާއި ސެނެގާލް ބައްދަލުކުރާ މެޗު އޮންނާނީ އާދީއްތަ ދުވަހުގެ ރެ އެވެ.