Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: މޮރޮކޯ-ކެނެޑާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އެފްގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ މޮރޮކޯ އާއި ކެނެޑާ އެވެ.

މޮރޮކޯ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ބެލްޖިއަމް 2-0 އިން ބަލިކޮށްފަ އެވެ. ކެނެޑާ ވަނީ ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި 1-0 އިން ބެލްޖިއަމް އަތުން ބަލިވިއިރު ދެވަނަ މެޗުގައި އެޓީމު ބަލިވީ ކްރޮއޭޝިއާ އަތުން 4-1 އިންނެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް މޮރޮކޯ އަށް މިރޭ ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. މޮރޮކޯ އެންމެފަހުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. ގްރޫޕްގައި ހިމެނޭ އެންމެ ގަދަ ދެ ޓީމުގެ އަތުން މޮރޮކޯ އިން ޕޮއިންޓްތަކެއް ހޯދާފައިވުމުން އެޓީމު މިހާރު ބެލެވިފައިވަނީ މުބާރާތުގެ "ސަޕްރައިޒިން" ޓީމުގެ ގޮތުގަ އެވެ. އެ ދެ މެޗުގައި ވެސް މޮރޮކޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މޮރޮކޯ މިރޭ ނިކުންނަނީ މޮޅަކާއެކު ގްރޫޕް ސްޓޭޖު ނިންމާލުމަށެވެ.

ކެނެޑާ އިން މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރީ 1986 ވަނަ އަހަރަށްފަހު ކަމަށްވާއިރު އެފަހަރުގެ ވޯލްޑް ކަޕް އެޓީމުން ނިންމާލީ މޮޅެއް ނުލިބި އެވެ. މުބާރާތުން ކެޓި ނަމަވެސް އެކަން ތަކުރާރު ނުކުރަން އަމާޒު ހިފައިގެން ކެނެޑާ އިން މިރޭގެ މެޗަށް ނިކުންނާނެ ކަމަށް ބެލެވޭއިރު މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް އެޓީމުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ 60 ވަނަ ސިކުންތުގައި ކެނެޑާ އިން ލީޑު ނެގި ނަމަވެސް އެޓީމުގެ ޑިފެންސް ފޫއަޅުވާލުން ކްރޮއޭޝިއާ އަށް މާބޮޑު ކަމަކަށް ނުވި އެވެ. މޮރޮކޯ އަތުން ޕޮއިންޓެއް ނަމަވެސް ހޯދަން ބޭނުންވާނަމަ ކެނެޑާ އިން އެޓީމުގެ ޑިފެންސް މިރޭ ވަރުގަދަކުރަންޖެހެ އެވެ.

މޮރޮކޯ

މިއީ މޮރޮކޯ އިން ވޯލްޑް ކަޕެއްގައި ޔޫރަޕް ނޫން ގައުމަކާ ދެކޮޅަށް ނިކުންނަ ފަސްވަނަ ފަހަރެވެ. މީގެކުރިން ކުޅުނު ހަތަރު މެޗުން ވެސް މޮރޮކޯ ވަނީ ބަލިވެފަ އެވެ. މޮރޮކޯ ބަލިވީ ޕެރޫ، ސައުދީ އަރަބިއްޔާ، ބްރެޒިލް އަދި އިރާން އަތުންނެވެ.

މޮރޮކޯ އަށް ވޯލްޑް ކަޕްގައި މިހާތަނަށް ހޯދުނީ ތިން މޮޅު ކަމަށްވާއިރު އެ ތިން މޮޅު ވެސް އެޓީމުން ހޯދީ ޔޫރަޕްގެ ގައުމުތައް އަތުންނެވެ. ބެލްޖިއަމްގެ އިތުރުން ދެން ވޯލްޑް ކަޕްގައި މޮރޮކޯ އިން ބަލިކުރި ޔޫރަޕްގެ ޓީމުތަކަކީ ސްކޮޓްލެންޑް އަދި ޕޯޗުގަލް އެވެ.

މިރޭގެ މެޗަށް ނިކުންނައިރު މޮރޮކޯ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތެވެ.

ކެނެޑާ

ވޯލްޑް ކަޕްގައި ކެނެޑާ އިން އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ހަ މެޗުން ބަލިވެ އެލްސަލްވަޑޯ އިން ހަދާފައިވާ ރެކޯޑާއި ކެނެޑާ އިން މިރޭ ހަމަކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ 2016 ވަނަ އަހަރަށްފަހު އެފްރިކާގެ ޓީމަކާ ދެކޮޅަށް ކެނެޑާ އިން ނިކުންނަ ފުރަތަމަ ފަހަރެވެ. އެންމެފަހުން ކެނެޑާ އިން ބައްދަލުކުރި އެފްރިކާގެ ޓީމަކީ ވެސް މޮރޮކޯ އެވެ. އެ މެޗު 4-0 އިން ކާމިޔާބުކުރީ މޮރޮކޯ އިންނެވެ.

މިރޭގެ މެޗަށް ނިކުންނައިރު ކެނެޑާ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

ކެނެޑާ އާއި މޮރޮކޯ މީގެކުރިން ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ދެ މެޗުން މޮރޮކޯ މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިއީ ވޯލްޑް ކަޕެއްގައި މި ދެ ޓީމުން ވެސް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

މޮރޮކޯ އާއި ކެނެޑާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.