Last Updated: July 17, 06:30
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ޖަރުމަނު-ކޮސްޓަރީކާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއި ކޮސްޓަރީކާ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޖަޕާން އަތުން ޖަރުމަނު 2-1 އިން ބަލިވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ސްޕެއިންއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ކޮސްޓަރީކާ ކުޅުނު ފުރަތަމަ މެޗުގައި 7-0 އިން ސްޕެއިން އަތުން ބަލިވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 އިން ޖަޕާން ބަލިކޮށްފަ އެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށް ވެސް މިރޭގެ މެޗަށް ނިކުންނައިރު އޮތްއިރު، ދެވަނަ ބުރުން ޖާގައެއް ހޯދަން މި މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަރަށް މުހިއްމެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން އެކަން މިފަހަރު ތަކުރާރު ކުރަން ބޭނުން ނުވާނަމަ މިރޭގެ މެޗުން މޮޅެއް ހޯދުމަކީ މަޖުބޫރު ކަމެކެވެ. މިރޭ މި ގްރޫޕްގައި ސްޕެއިން އާއި ޖަޕާން ކުޅޭ މެޗު އެއްވަރުވެއްޖެނަމަ ޖަރުމަނުން ކޮސްޓަރީކާ ދެ ގޯލުގެ ތަފާތަކުން ބަލިކުރަންޖެހޭނެ އެވެ. އަދި ޖަޕާނުން މިރޭ ސްޕެއިން ބަލިކޮށްފިނަމަ ޖަރުމަނުން ކޮސްޓަރީކާ ފަސް ގޯލުގެ ތަފާތަކުން ބަލިކުރުން މަޖުބޫރެވެ. އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން ޖަރުމަނަށް މޮޅުވެވިފައިވަނީ އެންމެ ދެ މެޗުން ކަމަށްވާއިރު އެންމެފަހުން ސްޕެއިނާއި ދެކޮޅަށް ދެއްކި ކުޅުން މިރޭ ތަކުރާރުކޮށްފިނަމަ ޖަރުމަނަށް ކޮސްޓަރީކާ ބަލިކުރުމަކީ ދުރު ކަމެއް ނޫނެވެ.

ހަނިގޮތަކަށް ޖަޕާން އަތުން ހޯދި މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު ކޮސްޓަރީކާ އިން ހޯދާފައިވާއިރު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކޮސްޓަރީކާގެ ތާރީހުގައި ވެސް މިހާތަނަށް ދަތުރުކުރެވިފައިވަނީ އެންމެ ދެ ފަހަރު އެވެ. މިރޭ ސްޕެއިނުން ޖަޕާން ބަލިކޮށްފިނަމަ ކޮސްޓަރީކާ އަށް ޖަރުމަނު މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. ޖަރުމަނު އަތުން ޕޮއިންޓެއް ހޯދުމަކީ ވެސް ކޮސްޓަރީކާ އަށް އޮތް ޗެލެންޖެއް ކަމަށްވާއިރު މިދިޔަ ދެ މެޗުގައި ވެސް އެޓީމުގެ ޑިފެންސްލައިން އާދައިގެ ގޮތަކަށް ފެނިގެންދިޔުމަކީ މިރޭގެ މެޗަށް ނިކުންނައިރު އޮތް ކަންބޮޑުވުމެކެވެ.

ޖަރުމަނު

އުތުރު އެމެރިކާގެ ގައުމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ޖަރުމަނުން މީގެކުރިން ވަނީ 8 މެޗު ކުޅެފަ އެވެ. އޭގެތެރެއިން ހަ މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. އުތުރު އެމެރިކާގެ ޓީމެއް އަތުން ޖަރުމަނު އެންމެފަހުން ބަލިވީ މިދިޔަ ހަތަރު އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެފަހަރު މެކްސިކޯ އަތުން ޖަރުމަނު ބަލިވީ 1-0 އިންނެވެ.

ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް އަކީ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުހޯދުނު ޖަރުމަނުގެ ދެވަނަ ކޯޗެވެ. މީގެކުރިން ޖަރުމަނުގެ އެއްވެސް ކޯޗަކު ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗުން މޮޅެއް ނުހޯދައެއް ނެތެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ޖަރުމަނުގެ ލީރޯ ސާނޭ ކުޅޭނެ ކަމަށް ބެލެވޭއިރު، ސްޕެއިން މެޗުގައި ޖަރުމަނުގެ ގޯލް ކާމިޔާބުކޮށްދިން ނިކްލަސް ފުލްކްރުގަށް ވެސް ފުރަތަމަ އެގާރައިން ޖާގަ ދިނުން އެކަށީގެންވެ އެވެ.

ކޮސްޓަރީކާ

ވޯލްޑް ކަޕްގައި އެންމެފަހުން ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ކޮސްޓަރީކާ ކުޅުނު 11 މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ހޯދުނީ އެންމެ މެޗަކުންނެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިޓަލީ އަތުން 1-0 އިން ހޯދި މޮޅެވެ.

ގްރޫޕްގެ ދެވަނަ މެޗުން ޖަޕާން އަތުން ކޮސްޓަރީކާ މޮޅުވެފައިވާއިރު އެޓީމަށް ވޯލްޑް ކަޕެއްގައި ޖެހިޖެހިގެން ދެ މެޗުން އެންމެފަހުން މޮޅެއް ހޯދުނީ 2014 ވަނަ އަހަރު އެވެ. އެފަހަރު ކޮސްޓަރީކާ އިން ވަނީ އުރުގުއޭ އަދި އިޓަލީ އަތުން ޖެހިޖެހިގެން މޮޅު ހޯދާފަ އެވެ.

މިރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ކޮސްޓަރީކާގެ ޑިފެންޑަރު ފްރެންސިސްކޯ ކަލްވޯ އަށް ނުކުޅެވޭނެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ ޖަރުމަނާއި ކޮސްޓަރީކާ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކުރީ ޖަރުމަނުންނެވެ.

ޖަރުމަނާއި ކޮސްޓަރީކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.