ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކެނެޑާ 2-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކޮށްފި އެވެ.
މިއީ 1986 ވަނަ އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރުން މޮރޮކޯ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މޮރޮކޯ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެގޮތުން ކުޅުނު ތިން މެޗުން މޮރޮކޯ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ކްރޮއޭޝިއާ އަށް ފަސް ޕޮއިންޓް ލިބުނުއިރު ތިންވަނަ އަށް ދިޔަ ބެލްޖިއަމަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލަށްދިޔަ ކެނެޑާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ ބައްދަލުކުރާނީ ގްރޫޕް އީ އިން ދެވަނައަށްޓާ ޓީމަކާ އެވެ. އެއީ ސްޕެއިން އާއި ޖަރުމަނު އަދި ކޮސްޓަރީކާއާ ޖަޕާން ހިމެނޭ ގްރޫޕެވެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަތަރުވަނަ މިނެޓްގައި ހަކީމް ޒިޔެކް ވަނީ މޮރޮކޯ އަށް ލީޑު ނަގާދީފަ އެވެ. ކެނެޑާގެ ގޯލް ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޒިޔެކް މި ގޯލް ކާމިޔާބުކުރީ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ. އަދި މެޗުގެ 23 ވަނަ މިނެޓްގައި ޔޫސެން އެން-ނެސީރީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މޮރޮކޯގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު ކެނެޑާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ކެނެޑާ އިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ކެނެޑާގެ ޖޯންސްޓަނަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވޭއިރު އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
މޮރޮކޯ އަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި އެފްރިކާގެ ދެވަނަ ޓީމެވެ. ފުރަތަމަ ޓީމަކީ ސެނެގާލް އެވެ.