ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެފްގައި މިރޭ ކްރޮއޭޝިޔާއާ ބެލްޖިއަމް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު މުބާރާތުން ބެލްޖިއަމް ކަޓައިފި އެވެ.
މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.
މިރޭގެ ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދީ މޮރޮކޯ އެވެ. މޮރޮކޯ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ކްރޮއޭޝިއާ އަށް ފަސް ޕޮއިންޓް ލިބުނުއިރު ތިންވަނަ އަށް ދިޔަ ބެލްޖިއަމަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލަށްދިޔަ ކެނެޑާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެ ޓީމަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން މެޗުގެ ފުރަތަމަ 10 ސިކުންތުގެ ތެރޭގައި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ފުރަތަމަ ހާފްގައި ކްރޮއޭޝިއާގެ ކްރަމަރިޗް ވެސް ބެލްޖިއަމްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެ އެވެ.
ބެލްޖިއަމްގެ ހަމަލާތައް ފެނިގެންދިޔައީ ދެވަނަ ހާފްގައި އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ކުޅުން އެރުވި ހިސާބުންނެވެ. އެގޮތުން ކްރޮއޭޝިއާގެ ޕެނަލްޓިއޭރިއާ ތެރޭ ހުރެ ލުކާކޫ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އޭގެ އިރުކޮޅެއްފަހުން އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ވެސް ލުކާކޫ އަށް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. ތޯގަން ހަަޒާޑް ނަގައިދިން ހުރަހެއް މުޅިން ހުހަށް ހުރެ ލުކާކޫ މޭމަތިން ކުރިއަށް ފޮނުވާލުމުން ގޯލުގެ ހުރަސް ރޮގުމަތިން އެ ބޯޅަ ދިފާއުކުރީ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް އެވެ.
ބެލްޖިއަމް މުބާރާތުން ކެޓިއިރު ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕް ކަމަށްވާ، ކްރޮއޭޝިއާ ދެވަނަ ބުރުގައި ބައްދަލުކުރާނީ ގްރޫޕް އީ އިން އެއްވަނަ ހޯދާ ޓީމަކާ އެވެ.