ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި ޖަޕާނެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކޮސްޓަރީކާ އަތުން ސްޕެއިން 7-0 އިން މޮޅުވިއިރު ދެވަނަ މެޗުގައި ޖަރުމަނު އަތުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ މެޗުގައި ޖަޕާނުން ޖަރުމަނު 2-1 އިން ބަލިކުރިއިރު ދެވަނަ މެޗުގައި އެޓީމު ވަނީ 1-0 އިން ކޮސްޓަރީކާ އަތުން ބަލިވެފަ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ސްޕެއިނަށް ބޭނުންވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު، ދެވަނަ ބުރަށް ދިޔުމަށް ޖަޕާނަށް މިރޭ މޮޅެއް ހޯދުން ވަރަށް މުހިއްމެވެ.
އެންމެފަހުގެ ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕެއްގައި ސްޕެއިނުން ގްރޫޕް ސްޓޭޖް ފަހަނައަޅާ ގޮސްފައިވާއިރު އެޓީމު އެންމެފަހުން ގްރޫޕް ސްޓޭޖުން ކެޓީ 2014 ވަނަ އަހަރު އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ސްޕެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޖަޕާނަކީ ސްޕެއިނުން ސަމާލުކަން ދޭންޖެހޭނެ ޓީމެއްކަން އެޓީމުން ވަނީ މި މުބާރާތުގައި ސާބިތުކޮށްދީފަ އެވެ. މިރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ދެވަނަ ބުރަށް ދެވެން އޮތް ނަމަވެސް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސްޕެއިނުން ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް ކަމަށް ބުނެފަ އެވެ.
ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިޔުމުގެ އަމާޒުގައި ތިބި ޖަޕާނު އެންމެފަހުން ކުޅުނު މެޗުން ބަލިވުމާއެކު ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެގެން ގޮސްފަ އެވެ. މިރޭ ޖަރުމަނާއި ކޮސްޓަރީކާ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ ޖަޕާނަށް ދެވަނަ ބުރަށް ދިޔުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ނަމަވެސް އެ މެޗުން ޓީމެއް މޮޅުވެއްޖެނަމަ ޖަޕާނަށް ސްޕެއިން ބަލިކުރުން މަޖުބޫރުވާނެ އެވެ. މި މުބާރާތައި ޖަރުމަނު ބަލިކޮށް ހައިރާން ކުރުވާ ފަދަ ނަތީޖާއެއް ޖަޕާނުން ނެރުނުއިރު އެފަދަ ނަތީޖާއެއް މިރޭވެސް އެޓީމުން ތަކުރާރު ކުރަންޖެހެ އެވެ.
ސްޕެއިން
ވޯލްޑް ކަޕްގައި އެންމެފަހުން އޭޝިއާގެ ޓީމުތަކާ ދެކޮޅަށް ސްޕެއިނުން ކުޅުނު ފަސް މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ތިން މެޗުން ސްޕެއިން ވަނީ މޮޅު ހޯދާފަ އެވެ.
ސްޕެއިނުން އެންމެފަހުން ވާދަކުރި 9 ވޯލްޑް ކަޕްގެ ތެރެއިން 8 ވޯލްޑް ކަޕެއްގައި އެޓީމުން ވަނީ ގްރޫޕްގެ ފަހު މެޗު ކާމިޔާބުކޮށްފަ އެވެ.
އެންމެފަހުން ސްޕެއިނުން ބޭއްވި ފަރިތަކުރުންތަކުގައި އަނިޔާގެ ސަބަބުން އެޓީމުގެ ޒުވާން މިޑްފީލްޑަރު ގަވީ ބައިވެރިވެފައި ނުވާއިރު މިރޭގެ މެޗުން އޭނާ ނުފެނުމަކީ ގާތް ކަމެކެވެ.
ޖަޕާން
ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޖަޕާނުން ވަނީ ބަލިވެފަ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަޕާނަށް އެންމެފަހުން ޖެހިޖެހިގެން ދެ މެޗެއްގައި ގޯލު ކާމިޔާބު ނުކުރެވުނީ 1998 ވަނަ އަހަރު އެވެ. އެފަހަރު އާޖެންޓީނާ އަދި ކްރޮއޭޝިއާ ކޮޅަށް ޖަޕާނަށް ގޯލު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އަނިޔާގެ ސަބަބުން މި މެޗުގައި ޖަޕާނުގެ ޑިފެންޑަރުން ކަމަށްވާ ޓަކެހީރޯ ޓޮމިޔާސޫ އާއި ހިރޯކީ ސަކާއި އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ޖަޕާނާއި ސްޕެއިން މިހާތަނަށް ބައްދަލުކުރީ އެންމެ މެޗެއްގައި ކަމަށްވާއިރު 2001 ވަނަ އަހަރު ކުޅުނު އެ މެޗުން ސްޕެއިން ވަނީ 1-0 އިން މޮޅުވެފަ އެވެ.