ބެލްޖިއަމްގެ ކޯޗުކަމުން ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދީފި އެވެ.
ބެލްޖިއަމްގެ ކޯޗުކަމުން މާޓިނޭޒް އިސްތިއުފާ ދީފައި މިވަނީ ފީފާ ވޯލްޑް ކަޕުން ބެލްޖިއަމް ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ. ބެލްޖިއަމް މުބާރާތުން ކެޓީ މޮޅުވާން މަޖުބޫރު ވެފައި އޮތް މެޗުން މިރޭ ކްރޮއޭޝިޔާއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.
މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަށްފަހު މާޓިނޭޒް ބެލްޖިއަމްގެ ގައުމީ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު މިރޭގެ މެޗަށްފަހު ވާހަކަދައްކަމުން މާޓިނޭޒް ބުނީ މި މެޗަކީ ބެލްޖިއަމްގެ ގައުމީ ޓީމަށް އޭނާ ކޯޗުކޮށްދޭނެ ފަހު މެޗު ކަމަށެވެ.
މިރޭގެ ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރުން ޖާގަ ހޯދީ މޮރޮކޯ އެވެ. މޮރޮކޯ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ކްރޮއޭޝިއާ އަށް ފަސް ޕޮއިންޓް ލިބުނުއިރު ތިންވަނަ އަށް ދިޔަ ބެލްޖިއަމަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ގްރޫޕްގެ ފުލަށްދިޔަ ކެނެޑާ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ބެލްޖިއަމްގެ ކޯޗުކަމާ މާޓިނޭޒް ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ބެލްޖިއަމުން ވަނީ އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފަ އެވެ.