ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީގައި މިރޭ ކޮސްޓަރީކާގެ މައްޗަށް 4-2 އިން ކުރި ހޯދި ނަމަވެސް މުބާރާތުން ޖަރުމަނު ކަޓައިފި އެވެ.
ޖަރުމަނު މުބާރާތުން ކެޓީ މި ގްރޫޕްގައި މިރޭ ޖަޕާނުން ސްޕެއިންގެ މައްޗަށް 2-1 އިން ކުރި ހޯދުމާ ގުޅިގެންނެވެ. ޖަޕާން މޮޅުވުމުން ޖަރުމަނު ދިޔައީ ގްރޫޕްގެ ތިންވަނަ އަށެވެ.
އެގޮތުން ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ޖަޕާނެވެ. އެގޮތުން ޖަޕާނަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ސްޕެއިނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި ތިންވަނަ ހޯދި ޖަރުމަނަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު ސްޕެއިނުން ކުރި ހޯދީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލަށްދިޔަ ކޮސްޓަރީކާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ.
މިއީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ. އެންމެފަހުން ރަޝިއާގައި ބޭއްްވި ވޯލްޑް ކަޕުން ވެސް ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
ގަތަރުގެ އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޖަރުމަނުން ކުޅުނުއިރު މެޗުގެ 10 ވަނަ މިނެޓްގައި ސާގް ގްނެބްރީ ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ. މި ގޯލް ގްނެބްރީ ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި ޖަރުމަނަށް ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ލިބުނު އިރު މެޗުގެ 58 ވަނަ މިނެޓްގައި ޔެލްސިން ޓެޖޭޑާ ވަނީ ކޮސްޓަރީކާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަތުން ބައިކޮޅެއް ވަަތް ގޯލާއެކު ކޮސްޓަރީކާ އިން ވަނީ ލީޑު ނަގައި ޖަރުމަނު ސިއްސުވާލާފަ އެވެ.
ނަމަވެސް ކޮސްޓަރީކާ އަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނެޓަށެވެ. އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ކައި ހަވެޓްޒް ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދިން އިރު މެޗުގެ 85 ވަނަ މިނެޓްގައި ޖަރުމަނުގެ ތިންވަނަ ގޯލް ވެސް ކާމިޔާބުކޮށްދިނީ ހަވެޓްޒް އެވެ. އަދި ޖަރުމަނުގެ ފަހު ގޯލް މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރުގް އެވެ.
ޖަރުމަނު މުބާރާތުން ކެޓިއިރު މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗު ހަންސީ ފްލިކް ވަނީ މުބާރާތުން ޖަރުމަނު ކެޓި ނަމަވެސް އިސްތިއުފާ ނުދޭނެ ކަމަށް ބުނެފަ އެވެ.