ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އީ ގައި މިރޭ ޖަޕާނުން 2-1 އިން ސްޕެއިން ބަލިކުރިއިރު މުބާރާތުގެ ދެވަނަ ބުރަށް މި ދެ ޓީމު ވެސް ދަތުރުކޮށްފި އެވެ.
މި މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ޖަޕާން ދަތުރުކުރީ ގްރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެގޮތުން ޖަޕާނަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި ސްޕެއިނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި ތިންވަނަ ހޯދި ޖަރުމަނަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު ސްޕެއިނުން ކުރި ހޯދީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލަށްދިޔަ ކޮސްޓަރީކާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ.
މިއީ މުބާރާތުގެ ދެވަނަ ބުރުން ޖަޕާނުން ޖެހިޖެހިގެން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ދެވަނަ ބުރުގައި ޖަޕާން ބައްދަލުކުރާނީ ގްރޫޕް އެފްގެ ދެވަނަ ހޯދި ކްރޮއޭޝިޔާއާ އެވެ. ސްޕެއިން ނިކުންނާނީ އެ ގްރޫޕުން އެއްވަނަ ހޯދި މޮރޮކޯއާ ދެކޮޅަށެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ސްޕެއިނުންނެވެ. އެގޮތުން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެން މެޗުގެ 11 ވަނަ މިނެޓްގައި މި ގޯލް ސްޕެއިނަށް ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާ އެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޖަޕާނުން ކުޅުން ރަނގަޅުކުރިއިރު މެޗުގެ 48 ވަނަ މިނެޓްގައި ރިޓްސޫ ޑޯން ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލްް ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އެ ގޯލް ކާމިޔާބުކުރިތާ ތިން މިނެޓްފަހުން އަޔޯ ޓަނާކާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ޖަޕާނަށް ލީޑު ނަގާދީފަ އެވެ. މި ދެ ގޯލަށްފަހު ޖަޕާނުން ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު ސްޕެއިނަށް އެޓީމުގެ ޑިފެންސްލައިން ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ.
ޖަޕާނަކީ މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި އޭޝިއާގެ ދެވަނަ ޓީމެވެ. ދެވަނަ ބުރުން ދެން ޖާގަ ހޯދި އޭޝިއާގެ ޓީމަކީ އޮސްޓްރޭލިޔާއާ އެވެ.