ގާނާގެ ކިބައިން މައާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ގާނާ އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ގާނާގެ ކުޅުންތެރިއަކު ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް ވަންނަން ދަނިކޮށް ސުއަރޭޒް ވަނީ އަތުން ބޯޅަ ދިފާއުކޮށްފަ އެވެ. އެއާއެކު ސުއަރޭޒަށް ރަތްކާޑު ދެއްކިއިރު ރެފްރީ ގާނާ އަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް އެޓީމުގެ ފޯވާޑް އަސަމޮއާ ޖިއާން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އެ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީން ކަމަށްވާއިރު އުރުގުއޭ އިން ވަނީ ޕެނަލްޓީގައި 4-2 ގާނާ ބަލިކޮށް ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް މެޗެވެ.
ގާނާ އާއި އުރުގުއޭ މިރޭ ވޯލްޑް ކަޕްގައި ބައްދަލުކުރާއިރު މި މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ގާނާ އަށް އެބައޮތެވެ. ނަަމަވެސް ދެވަނަ ބުރަށް ދިޔުމަށް މިރޭގެ މެޗުން މޮޅުވުން އުރުގުއޭ އަށް މަޖުބޫރެވެ.
މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނާގެ ނޫސްވެރިންގެ ގިނަ ސުވާލުތަކެއް ސުއަރޭޒަށް އަމާޒުވެފައިވެ އެވެ. އެގޮތުން އެންމެފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރަމުން ސުއަރޭޒް ބުނީ އެ މެޗުގައި ހިނގީ އޭނާ މައާފަށް އެދެންޖެހޭ ކަމެއް ނޫން ކަމަށާއި ބޯޅައިގައި އަތްލުމުން އޭނާ އަށް ލިބެންޖެހޭ އަދަބު ލިބުނު ކަމަށެވެ.
"ގާނާ ކުޅުންތެރިޔާ ޕެނަލްޓީ ބޭރަށް ޖެހީ، އަހަރެންނެއް ނޫން." ސުއަރޭޒް ބުންޏެވެ.
އެ މެޗުގައި އޭނާ ކުޅުންތެރިއަކަށް އަނިޔާކުރި ނަމަ މައާފަށް އެދުނީސް ކަމަށާއި ނަމަވެސް މެޗުގައި ހިނގާދިޔަ ކަންތައްތަކަކީ އޭނާގެ ކުށެއް ނޫން ކަމަށްވެސް ސުއަރޭޒް ބުންޏެވެ.
އުރުގުއޭ އަށް މުބާރާތުގައި ކުޅުނު ދެ މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. ގާނާ އިން ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާއިރު މި ގްރޫޕްގައި ދެން ހިމެނޭ ދެކުނު ކޮރެޔާ އަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ގްރޫޕްގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ލިބުނު ހަ ޕޮއިންޓާ އެކު ޕޯޗުގަލް ވަނީ ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ.
ގާނާ އާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.