އުރުގުއޭ އަތުން ބަދަލު ހިފުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ގާނާގެ ކޯޗު އޮޓޯ އަޑޯ ބުނެފި އެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ހިތްދަތި ގޮތަކަށް އުރުގުއޭ އަތުން ބަލިވެ ގާނާ މުބާރާތުން ކެޓިއިރު، މިފަހަރުގެ ވޯލްޑް ކަޕުން އުރުގުއޭ ކަޓުވާލުމުގެ ފުރުސަތު ގާނާ އަށް މިރޭ އެބައޮތެވެ. އެގޮތުން މިރޭ ގާނާ އިން އުރުގުއޭ މޮޅުވިޔަ ނުދީ ހިފަހައްޓާލައިފިނަމަ އުރުގުއޭ މުބާރާތުން ކަޓާނެ އެވެ.
މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ގާނާގެ ކޯޗު ބުނީ އޭނާ އަކީ މާޒީގައި ހިނގާފައިވާ ކަންކަމަށް މާބޮޑަށް ވިސްނާ މީހެއް ނޫން ކަމަށާއި އަދި އޭނާ އަކީ ބަދަލު ހިފުމަށް މާބޮޑަށް ވިސްނާ މީހެއް ވެސް ނޫން ކަމަށެވެ. އަދި ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭނަމަ ރަނގަޅު ގޮތްތައް ވާނެ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން އުރުގުއޭ އަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު ގާނާގެ ކޯޗު ބުނީ އުރުގުއޭ އަކީ ތަފާތު ޓީމެއް ކަމަށާއި އެއީ މޮޅެތި ފޯވާޑުންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ. އަދި މިރޭގެ މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށާއި އުރުގުއޭ ބަލިކުރެވޭނީ ގާނާގެ އެންމެ މޮޅު ކުޅުން ދައްކައިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"އެކަމަކު އަހަރެންނަށް ވަރަށް އިތުބާރު އެބައޮތް މެޗުން މޮޅުވެވޭނެ ކަމުގެ." ކޯޗު ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ގާނާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގާނާ އަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ އެންމެފަހުން ދެވިފައިވަނީ 2010 ވަނަ އަހަރު އެވެ.