Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ރާއްޖެ ބަނގުރޫޓްވުމުގެ އެއްވެސް ބިރެއް ނެތް

ރާއްޖެ ބަނގުރޫޓްވުމުގެ އެއްވެސް ބިރެއް ނެތް ކަމަށާއި އަންނަ އަހަރު ވެސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުރައްވައި ތަރިޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަން ކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ފާހަގަކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވޯލްޑް ބެންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުތަކުން ވެސް އެކަން ޔަގީންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސާދު މެނޭޖްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން. އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އެދަނީ ފާހަގަކުރަމުން،" ތަރުޖަމާނު ވިދާޅުވި އެވެ. "އަދި ރައްޔިތުންގެ ޖީބަށް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެކަމުގެ ޔަގީންކަން ދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ދާނެ."

އޭނާ ވިދާޅުވި ގޮތުގައި މި އަހަރު 12.3 ޕަސެންޓް އަދި އަންނަ އަހަރު 7 ޕަސެންޓަށް އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭން އަންނަ އަހަރުން ފެށިގެން ޓެކްސް ވެސް ބޮޑުކުރަން ނިންމުމާ ގުޅިގެން އޭގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބޭނ ކަމަށް ސަރުކާރުން ބުންޏެވެ. މިހާރު ނިންމާފައި އޮތީ އަންނަ މަހުން ފެށިގެން ޖީއެސްޓީން 6 ޕަސެންޓްގެ ބަދަލުގައި 8 ޕަސެންޓް އަދި ޓީޖީއެސްޓީން 12 ޕަސެންޓްގެ ބަދަލުގައި 16 ޕަސެންޓް ނެގުމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި ޓެކުހުގެ ނިޒާމަށް ގެނައި ބަދަލަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް އައި އިގުތިސާދީ ކާރިސާއެއް ރާއްޖެ އަށް އަޔަ ނުދިނުމަށްޓަކައި ގެނައި ބަދަލެކެވެ.

"ކޮވިޑް ގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އައި އަޑިގުޑަންތަކުން އަދި އެއްކޮށް އަރައިނު ގަނެވޭ. ގައުމުތަކުގެ އިގުތިސާދު އަލުން ކޮޅަށް ޖެހެން ފެށިތަނާ މި ފެނުނީ ހަނގުރާމަ ފެށި ތަން،" އޭނާ ވިދާޅުވި އެވެ. "އެހެންކަމުން އޭގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އައި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ އިގުތިސާދު މެނޭޖްކުރެވެމުން މި އަންނަނީ. އެހެންވީމަ ބަނގުރޫޓެއް ނުވާނެ."