އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ ފްރެންޗައިޒް "ސިންގަމް" ގެ ތިން ފިލްމު އިއުލާންކޮށްފި އެވެ.
ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމަށް މި ފަހަރު ދީފައިވާ ނަމަކީ "ސިންގަމް އެގެއިން" އެވެ. މި ސީރީޒް ފުރަތަމަ ފިލްމު "ސިންގަމް" 2011 ގައި ގެނެސްދިނުމަށް ފަހު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އަދި ދެ ފިލްމު ވެސް ވަރަށް ކާމިޔާބީއެވެ. "ސިންގަމް" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލެވެ. "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.
"ސިންގަމް އެގެއިން" ގެ ތައްތާރީތައް މިހާރު ވަމުން އަންނަ އިރު، މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަޖޭ ޑައިރެކްޓްކޮށް، މިހާރު ކުޅެމުން އަންނަ ފިލްމު "ބޯލާ" ގެ މަސައްކަތްތައް ނިމުމުންނެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 30 ގަ އެވެ.
"ސިންގަން އެގެއިން" ތައްޔާރުވާ އިރު، ރޯހިތު މިހާރު އަންނަނީ މި މަހުގެ 23 ގައި ރިލީޒްކުރާ ފިލްމު "ސާކަސް" ޕްރޮމޯޓްކުރަމުންނެވެ. މި ކޮމެޑީ ފިލްމުގެ ބަތަލަކީ ރަންވީރު ސިންގް އެވެ.
"ސިންގަމް" އަކީ ރޯހިތުގެ ކޮޕް-ޔުނިވާސްގެ ފުރަތަމަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. އޭގެ ފަހުން ވަނީ ރަންވީރުއާ އެކު 2018 ގެ "ސިމްބާ" އަދި މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ "ސޫރިޔަވަންޝީ" ގެނެސްދީފަ އެވެ. މީގެ އިތުރުން ރޯހިތު އަންނަނީ ސިދާތު މަލްއުތުރާއާ އެކީ ކޮޕް ޔުނިވާސް އަށް ވެބް ސީރީޒެއް ވެސް ހަދަމުންނެވެ. އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ހަދާ ސީރީޒްގެ ނަމަކީ "އިންޑިއަން ޕޮލިސް ފޯސް" އެވެ.