ފިލްމު "ދުންކީ" ގެ ޝޫޓިން އަށް ސައުދީ އަރަބިއްޔާ އަށް ގޮސް އެ މަސައްކަތް ނިންމާލައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
އޭނަ އުމްރާގެ އަޅުކަމުގެ ތެރެއިން ނަގާފައިވާ ވީޑިއޯތަކެއް ވެސް މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އުމްރާގެ އަޅުކަމާ ބެހޭ އެއްވެސް ވާހަކައެއް ޝާހްރުކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ހާމަކޮށްފައެއް ނުވެ އެވެ. އޭނަ ސައުދީ އަށް ޝޫޓިން އަށް ދިޔައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އަދި އެ ގައުމުގައި ކުރިއަށް ގެންދިޔަ ޝޫޓިން ޝެޑިއުލް ނިމުނު ވާހަކަ ބުދަ ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
އެ ޕޯސްޓްގައި ޝޫޓިން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށްކަން ފާހަގަކަށް، ސައުދީގެ ކަލްޗަ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ސޯޝަލް ކޮމެޑީ "ދުންކީ" އަކީ "ސަންޖޫ" އާއި "3 އިޑިއަޓްސް" ގެ އިތުރުން "ޕީކޭ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި ޔޫރަޕްގައި ވެސް ނަގާފައިވެ އެވެ.
"ދުންކީ" އަކީ އަންނަ އަހަރަށް އޮތް ޝާހްރުކްގެ ތިން ފިލްމުގެ ތެރެއިން އެއް ފިލްމެވެ. ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 25 އަށް ތާވަލުކޮށްފައި އޮތް "ޕަތާން" އެވެ. އަނެއް ފިލްމަކީ ޖޫން 2 އަށް ތާވަލުކޮށްފައި އޮތް "ޖަވާން" އެވެ.
ޝާހްރުކް އެންމެ ފަހުން ފެނިފައި ވަނީ އޮގަސްޓްގައި ރިލީޒްކުރި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ފިލްމު "ބުރައްމަސްތުރާ" ގެ ހާއްސަ ފެނިލުމަކުންނެވެ.