Last Updated: April 29, 15:08
Monday, April 29, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: ދޮންއަލީ އަށް ހަމަ ސާބަސް

2022 ވަނަ އަހަރު ކުމުންދޫ ރަށްޔިތުންގެ މަސައްކަތު . ތިންވަނަދައުރު ކައުންސިލަރެއްގެ މަސައްކަތު.

ހދ. ކުމުންދޫ ޢަލީ ޤާސިމް ނުވަތަ ރިސޯޓް ނަމުން ނަމަ ދޮން ޢަލީ 1982 ގައި އުމުރުން 15 ވަރަކަށް އަހަރުގައި ކުރަމައްޗާ ގުޅުން ވެގެންދިޔައީ ރިސޯރޓް ވަޒީފާ ފެށިގެންދިއުން ކަމުގައެވެ. ރެސްޓޯރަންޓް ބަދިގެ އެހީތެރިޔަކަށް 120 ރުފިޔާ އެއީ ފަށައިގަތް މުސާރަކަމަށް ބުނެ ދޮން ޢަލީ ރިސޯރޓް ޒަމާން ކިޔައިދޭން ފަށައިގަތެވެ.

އޭރު 73 ކޮޓަރި ހުންނަނީ، ދެން ބޮޑު ރަށެއް، އޭރު ހަމަ ކިޔަނީ ކުރަމަތި ރިސޯޓް، އަހަރެއްހާ ދުވަސް ފަހުން ރެސްޓޯރަންޓް ޓްރެއިނިންގ ވެއިޓަރެއްގެ މަސައްކަތުންގޮސް މަޑުމަޑުން ރެސްޓޯރަންޓްތެރޭ ފައިހިއްޕާލެވި ކަންކަން ދަސްވަމުންގޮސް އެންމެންވެސް ވަރަށް ބޭނުންވާނެ ރެސްޓޯރަންޓް ވެއިޓަރ އަކަށް ވާން، އެއީ އެޒަމާނުގައި ރިސޯރޓް މުވައްޒަފުންގެ މުސާރަ އެއީ ވަރަށްބޮޑަށް ރަމްޒީ އެއްޗެއް، ގެސްޓުން އަތުން ލިބޭ ޓިޕްސް، އެ ޑޮލަރުކޮޅު އެއީ އަސްލު ވެއިޓަރުންގެ ޑިމާންޑް، އެގޮތުން އެއީ ރަނގަޅަށް ޓިޕްސް ލިބެމުންދިޔަ ޒަމާން.

އޭރުގެ މަސައްކަތާ ބެހޭ ގޮތުން ހިތްހަމަޖެހެން ނުޖެހެންވެސް އޮންނަނީ ރިސޯރޓްގެ މަސައްކަތް، ރަސްދޫއިން އަންހެންވެރިން ކުނިކަހަން އަންނާނެ، އެމީހުންލައްވާ އޭރު އަހަރެމެން ރެސްޓޯރަންޓް ކުނިކައްސާވެސް ހަދަން، އިތުރު އެއްޗެއް ދީގެން މަސައްކަތް ލުއިކޮއްލުން އޮވޭ، ރެސްޓޯރަންޓް ވެއިޓަރުން އެއީ ފަތިހު ޑިޕާރޗަރ އިން ފެށިގެން ހަމަޖެހިފައި އިންނަ ތިން އިރު ކެއުމަށް މޭޒު އެޅުމާ ތައްޔާރީތަކާ އަނެއްހެން ކުޑަކަމެއްނޫން، އަދި ވަރަށް ފަރުވާ ބަހައްޓައިގެން ކުރަންޖެހޭ ކަމެއް އެއީ، ޚާއްޞަކޮށް ކެއުންބުއިމުގެ ކަންތަކަށްވީމަ މެނޭޖްމަންޓުންވެސް ވަރަށްބޮޑަށް ގެސްޓުންގެ ކަންތައް ވަރަށް ގާތުން ބަލާނެ، މިބުނީ ކޮމްޕްލެއިންއެއް ނައިސް މަސައްކަތުގައި އުޅެވޭތޯ ބެލުން އެއީ އަހަރެމެންގެ މިންގަނޑު، އެގޮތުން އަސްލު މެނޭޖްމަންޓްވެސް ވަރަށް ރަނގަޅު، އެއީ އެޒަމާން،

ކުރަމަތި ރިޒޯރޓު ވެއިޓަރެއްގެ ވަޒީފާގައި 25 އަހަރު ހިދުމަތުގައި….

ރެސްޓޯރަންޓެއްގައި އުޅެވޭނީ ރިސޯރޓާ ހިތާވެގެން މުވައްޒަފުންނާއެކީ މެނޭޖްމަންޓާއެކީ ކުރިއެރުންވެސް ހިތްހަމަޖެހުންވެސް އެއީ އެމީހާގެ ކަމެއް، މާބޮޑު ހިއުމަން ރިސޯސް އަކާ ޙައްޤުތަކަކާ މައްސަލަތަކާ އެއީ އެޒަމާނާ ވަރަށް ބީރައްޓެހި ކަންތައް.
ދޮން ޢަލީ ކިޔައިދިނެވެ.

ތިމަންނާ ވިސްނުން ގެންގުޅުނީ އެޒަމާނުގައި ކޮންމެފަދަ ޤުރުބާނީއެއް ވެގެންވެސް އާއިލާ ބިނާކޮށް ދަރިންނަށް ކިޔަވައިދީ އަދި ގެދޮރު ބިނާކޮށް ދަރިންގެ މުސްތަޤްބަލަށް އާއިލާއާ ދުރުގައި އުޅެގެންވެސް ކާމިޔާބާ ހަމަޔަށް ދިއުމުގެ ވިސްނުން. 1987 ގައި ދިރިއުޅުމެއް ފެށިން، މަންމައާ ބައްޕަ އަދި ވަރަށް އެހީތެރި ދައްތައެއްގެ އެހީތެރިކަމާއެކީ ރަށުގެ އާއިލާ ދިރިއުޅެމުން ގެންދިޔައީ، ކިތަންމެ ހިތްދަތި، އުނދަގޫ، އެކަނިވެރި ދުވަސްތަކެއް، ކަންބޮޑުވުމާއެކު ދުއްވާލަން ޖެހުނު، ޓާރގެޓަކަށް ވިސްނުން އެއީ ގުޑިގެން ނުގޮސް މަސައްކަތުގައި ހިފެހެއްޓިގެންދިޔަ އެންމެބޮޑު ކާމިޔާބަކީ.

އޭރުގެ ދަތުރުފަތުރު، ރަށްރަށުގެ ޙާލަތު، ދިރިއުޅުމުގެ ފެންވަރު އެއީ މިއަދު އެހާ ފަސޭހަ ވާހަކައެއްނޫން. ދައްކާނެކަމެއްވެސްނެތް، އަނެއްކޮޅުން ރަށާ އޮތް ގުޅުންވެސް ހިފެހެއްޓިން، އެއީ އާއިލާއާއެކީ ތިބެވިގެން ބައިވަރު ކަންކަން ވެގެން ހިފެހެއްޓޭ ކަމެއް، ރަށުން އާއިލާއަށް ކަމެއްވާއިރަށް ނާދެވޭނެ އަހަރަކު 1 މަހަށްވެސް ހަމަ މިނުންމިނަކަށް ނާދެވޭނެ، ދެން ޖެހޭނީ ރިސޯރޓާ ހިތާވެ ވިސްނާލުމާއެކީ ކުރިޔަށްދާން، އެއީ އެއްކަލަ އާއިލާގެ މާދަމާ އަތުލަން ރަށަށް އޮތް ލޯބި ރަށުގައި އިނދެގެން ކިހިނެއްތޯ ހޯދޭނީ، އެއީ އަތްމަތި ދަތިވެގެން ލިބޭ އެއްޗެއްނޫން، އެއީ ޤުރުބާނީތަކެއް ވެގެން ރުއިމާ ހިތްދަތިކަމާ ގިސްލުމާ އެކީ ހޯދޭ ކަމެއް، އެގޮތުން ރިސޯރޓްގައި ހިންގި ވަރަށް ގިނަ މަސައްކަތްތަކުގައި ބައިވެރިވެފައި ހުންނާނެ، އަމުދުން ކުރީކޮޅު އަސްލު އެވަރުގެ ލޭބަރ ފޯރސް އެއް ނުވެސް އޮންނާނެ، ރޫމްތަކަށް ފަންލުން، ޖެޓީ ޑެކްތަކުގައި ތެޔޮލުން، ގާއެޅުން މިހުރިހާ ކަމެއް ބުރަކޮށް ކޮށްގެން އުޅުނީ، އެގޮތުން އިތުރު ރިސޯރޓް ކުރަމަތީގަ ހެދިގެން ދިޔަދުވަސްވަރު އެކަމުގަ އެންމެ ބުރަކޮށް މަސައްކަތު އުޅުނު މީހަކަށްވާނެ ކަމަށް ދޮން ޢަލީ ބުނެލިއެވެ.

ކުރަމަތި ރިޒޯރޓު ގެސްޓުންގެ ޙިދުމަތުގައި ..

1982 ގައި ބަދިގޭގެ ހެލްޕަރ އަކުން މަސައްކަތް ފަށައިގެން 2014 އާއިހަމަޔަށް މަސައްކަތް ނިންމާލީ އެފް & ބީ ކެޕްޓަން އެއްގެ ގޮތުގައި ހުރެގެންނެވެ. އެގޮތުން ސަރވީސް ދާއިރާގައި 30 އަށްވުރެ ގިނަ އަހަރު މަސައްކަތްތަކެއް ކުރެވުނުކަމަށް ގަބޫލުކުރާނެ ބަޔަކުވެސް ތިބޭނެކަން ޔަގީނެވެ. އަދި ޔުނިވަރސަލްއިން 25 އަހަރުގެ ލައިފްޓައިމް އެޗީވްމެންޓް ހަނދާނީ ސެޓްފިކެޓް އެއީވެސް ކުންފުންޏެއްގަ ދެމިހުރުމުގެ އިތުބާރު ކަމުގައި ގަބޫލުކުރަމެވެ.

ދޮން ޢަލީގެ ވާހަކަ ކިޔައިދެމުން ބުނީ ދިރިއުޅެމުން އަންނަނީ އަމިއްލަ ގޭގަ ކަމާ 3 ފިރިހެންކުދިންނާ އަންހެން ދަރިޔަކު ހުރި ވާހަކަޔާ 2 ފިރިހެންދަރިން މަސައްކަތް ކުރަނީ ކުރަމަތީގައި ކަމަށެވެ.

އެގޮތުން ޢަބްދުﷲ ސުޖާޢު އޯލެވެލް ނިންމާފަ މިހާރު ކުރަމަތި ވޯޓަރ ސްޕޯރޓްސް ގައި ސެޓްފިކެޓް އިންސްޓްރަކްޓަރ އެއްކަމާ، އަޙުމަދު ސުޖާޢު ވެސް އޯލެވެލް ނިންމާފަ ކުރަމަތި ލޯންޗް ސެކްޝަންއިން ފަށައިގެން މިއަދު އިންޖިނިއަރިންގ ގައި އުޅެމުން ދާކަމަށް.

1984 ކުރަމަތި ރިޒޯރޓު …

މުޙައްމަދު ސުޖާޢު ޞިއްޙީ ކަމެއް މެދުވެރިވެ ރެސްޓް ކުރަންޖެހި މިހާރު ރަށުގަ ފެނަކައިގެ ވަޒީފާ އަދާކުރަން ފަށާފައިވާކަމާ، ހަމައެކަނި ހުރި އަންހެންދަރި ޓީޗިންގ އިން މިހާރު ޑިގްރީއަށް ކިޔަވަމުން ގެންދަނީ ޓީޗިންގ ގެ ވަޒީފާ އަދާކުރަމުން ކަމަށް ބުނެލީ ހިތްހަމަޖެހުމާ އުފަލާއެކުގައެވެ.

ދޮން ޢަލީގެ އަންހެނުންގެ ހިތްވަރަށް ހަމަ ސާބަހެވެ. އަދި އާއިލާ އެންމެންގެ ގުޅުން އެހާ ބޮޑެވެ. ދޮން ޢަލީގެ ޙަޔާތުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ 2014 ގައި ރިސޯރޓް ނިންމާފައި ރަށަށް އައީ ރަށު ކައުންސިލަރެއްގެ ކާމިޔާބު ނަތީޖާއާ އެކުއެވެ. އެގޮތުން މިހާރުމީ ތިންވަނަ ދައުރެވެ. ރައްޔިތުންނާ ކިތަންމެ ދުރުގައި އުޅެން ދިމާވިޔަސް ރަށާ އާއިލާއާ އޮތް ގުޅުން ހަރުދަނާކަން އެއީ މިއަދުގެ ރައްޔިތުންގެ މެޖޯރިޓީ ގަބޫލު ކުރިކަމެވެ.

ދޮން ޢަލީ އާއި ކައުންސިލް އިންތިޚާބުގައި އެންމެ ގާތްކޮށް ދިމާވެ ރަށުގެ ޓުއަރިޒަމް އާއި މެހުމާންދާރީ ކަންތަކާ ވާހަކަދެއްކި އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމެއްވެސް ކުމުންދޫގައި ހިންގުނެވެ. އަދި މިއަދާ ހަމަޔަށްވެސް އެގާތްކަން ދެމެހެއްޓި ގުޅުން ބަދެއްސެވެ.
ދޮން ޢަލީ އަކީ 30 އަހަރަށް ވުރެ ގިނަދުވަހު އަނބިދަރިންނާ ދުރުގަ ޓުއަރިޒަމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައިވާ ހިތްވަރުހުރި ތެދުވެރި މަސައްކަތުމީހެކެވެ. މިއަދު ރައްޔިތުންގެ މަސައްކަތު މީހެކެވެ. ދޮން ޢަލީ އަށް ސާބަހެވެ.

އަލީ ގާސިމް ( ދޮން އަލީ ) ރިޒޯރޓު މަސައް ކަތުގަ 32 އަހަރު .
ހަލާލު މަސައްކަތުން ކާމިއާބު އާއިލާ އެށް ހޯދުނު . މިއަދު ރަށްޔިތުންގެ ޙިދުމަތުގައި ހާދާލު ކުމުންދޫ ކައުންސިލަރެއްގެ ވަޒީފާގައި.

ބޮޑު ޤުރުބާނީއެކެވެ. އަދުގެ ސަރުކާރު އަދި ޓުއަރިޒަމް މިނިސްޓްރީ މިކަންކަން ހަނދުމަފުޅު ހުރިހެނެއް ހިއެއްނުވެ އެވެ. 2022 ވަނަ އަހަރު މިވަރު ބައެއްގެ އަތުން އެވަރު ކަމެއްވެސް ހިނގައިފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.