ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އެޗްގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ އުރުގުއޭ އާއި ގާނާ އެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް އުރުގުއޭ އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ދެކުނު ކޮރެޔާއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުގައި ޕޯޗުގަލް އަތުން ވަނީ 2-0 އިން ބަލިވެފަ އެވެ. ގާނާ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން 3-2 އިން ބަލިވިއިރު ދެވަނަ މެޗުގައި އެޓީމުން ވަނީ ކޮރެޔާގެ މައްޗަށް 3-2 އިން ކުރި ހޯދާފަ އެވެ.
މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތެއް ގާނާ އަށް އޮތްއިރު ދެވަނަ ބުރަށް ދިޔުމަށް މިރޭ ގާނާ ބަލިކުރުން ނޫން ގޮތެއް އުރުގުއޭ އަކަށް ނެތެވެ.
އުރުގުއޭ އިން އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް އެޓީމުން ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އުރުގުއޭ އެންމެފަހުން ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތް ނިންމާލަން ޖެހުނީ 2002 ވަނަ އަހަރު އެވެ. ގްރޫޕް ސްޓޭޖުން މިފަހަރު ކެޓުމުގެ ބިރު އުރުގުއޭ އަށް އޮތްއިރު މުބާރާތުގެ ފުރަތަމަ ދެ މެޗުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެޓޭކިން ރަނގަޅު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އުރުގުއޭގެ ފަރާތުން މާބޮޑު އެޓޭކިން ކުޅުމެއް ވެސް ފެނިގެން ގޮސްފައެއް ނުވެ އެވެ. ދެވަނަ ބުރުން ޖާގަ ހޯދަން ބޭނުންވާނަމަ އުރުގުއޭ އިން މިރޭ އެކަން ބަދަލުކުރަންޖެހެ އެވެ.
އެންމެފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ގާނާ ކޮލިފައިވެފައި ނުވާއިރު އޭގެ ކުރިން ބޭއްވި ވޯލްޑް ކަޕުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ. ގާނާ އަށް އެންމެފަހުން ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވުނީ 2010 ވަނަ އަހަރު ކަމަށްވާއިރު އެފަހަރު އެޓީމުން ވަނީ ކުއާޓާފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ. މުބާރާތުގެ ކުއާޓާފައިނަލުން އެފަހަރު ގާނާ ކަޓުވާލީ އުރުގުއޭ އެވެ. އެއީ ގާނާގެ ފުޓްބޯޅައިގައި އައި ހިތްދަތި ދުވަހެއް ކަމަށްވާއިރު މިރޭ އެޓީމަށް އޭގެ ބަދަލު އުރުގުއޭގެ ކިބައިން ހިފާ އެޓީމު މުބާރާތުން ކަޓުވާލުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގައި ގާނާ މިފަހަރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު މިއީ ވުން ދުރުގައި އޮތް ކަމެއް ނޫނެވެ.
އުރުގުއޭ
ވޯލްޑް ކަޕެއްގައި އުރުގުއޭ މިހާތަނަށް އެފްރިކާގެ ޓީމެއް އަތުން ބަލިވެފައެއް ނުވެ އެވެ. އެގޮތުން ވޯލްޑް ކަޕްގައި އުރުގުއޭ އިން އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ހަތަރު މެޗު ކުޅުނުއިރު އޭގެތެރެއިން ދެ މެޗުން އެޓީމު މޮޅުވެ އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އެންމެފަހު މެޗުން އުރުގުއޭ އެންމެފަހުން ބަލިވީ 1974 ގަ އެވެ. އެފަހަރު އުރުގުއޭ ބަލިވީ ސްވިޑެން އަތުން 3-0 އިންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް އުރުގުއޭ ޓީމުގައި ނެތެވެ.
ގާނާ
ގާނާ އިން މިރޭ ނިކުންނަނީ 2006 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ގްރޫޕް ސްޓޭޖުގެ ދެ މެޗުން މޮޅުވުމަށެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ގާނާ ޖެހިޖެހިގެން މޮޅު ހޯދީ އެމެރިކާ އަދި ޗެކް ރިޕަބްލިކް އަތުންނެވެ.
އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުގައި ވެސް ގާނާ އިން ވަނީ ގޯލް ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗުގައި ގާނާ އިން ގޯލެއް ކާމިޔާބުކޮށްފިނަމަ ޖެހިޖެހިގެން 8 މެޗުގައި ގޯލް ޖަހައިގެން ނައިޖީރިޔާ އިން ހަދާފައިވާ ރެކޯޑާއި އެޓީމަށް އަރާ ހަމަކުރެވޭނެ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު ގާނާ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނޫޅެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ގާނާ އާއި އުރުގުއޭ މީގެކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ކަމަށްވާއިރު އެފަހަރު ޕެނަލްޓީގައި 4-2 އިން އުރުގުއޭ އިން ވަނީ ގާނާ ބަލިކޮށްފަ އެވެ.
ގާނާ އާއި އުރުގުއޭ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.