Last Updated: July 17, 05:40
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ޕޯޗުގަލް-ދެކުނު ކޮރެޔާ

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ މެޗުތައް ކުޅެން ފަށާފައިވާއިރު މިރޭ ކުޅޭ ގްރޫޕް އެޗްގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ދެކުނު ކޮރެޔާ އެވެ.

ޕޯޗުގަލް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ފުރަތަމަ މެޗުގައި ޕޯޗުގަލް މޮޅުވީ ގާނާއާ ބައްދަލުކޮށް 3-2 އިން ކަމަށްވާއިރު ދެވަނަ މެޗުގައި އުރުގުއޭ އަތުން ޕޯޗުގަލް މޮޅުވީ 2-0 އިންނެވެ. ދެކުނު ކޮރެޔާގެ ފުރަތަމަ މެޗުގައި އުރުގުއޭއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވިއިރު ދެވަނަ މެޗުން ގާނާ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ.

ޕޯޗުގަލް އަށް ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރަން މިރޭ ބޭނުން ވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު ދެވަނަ ބުރަށް ދިޔުމުގެ ކިރިޔާވެސް ފުރުސަތެއް ކޮރެޔާ އަށް އޮތީ މިރޭގެ މެޗުން މޮޅެއް ހޯދައިގެންނެވެ.

ވޯލްޑް ކަޕް ފެށުނުއިރު ފެވަރިޓުންގެ ތެރޭގައި ޕޯޗުގަލް ނުހިމެނުނު ނަމަވެސް މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ދެއްކި ކުޅުމާއި އަދި ނެރުނު ނަތީޖާތަކާއެކު އެޓީމާއި މެދު ސަމާލުވާންޖެހޭކަން ވަނީ ސާބިތުކޮށްދީފަ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވީ ނަމަވެސް ޕޯޗުގަލް އިން މިރޭ ނިކުންނަނީ ތިން މޮޅާއެކު ގްރޫޕް ސްޓޭޖު ނިންމާލުމުގެ އުއްމީދުގަ އެވެ. ނަމަވެސް ދެވަނަ ބުރަށް ގޮސްފައިވުމުން މިރޭގެ މެޗަށް ޕޯޗުގަލް އިން ނެރޭ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.

އެންމެފަހުން ބޭއްވި ދެ ވޯލްޑް ކަޕުން ވެސް ދެކުނު ކޮރެޔާ ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުން ކަމަށްވާއިރު އެޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ އެންމެފަހުން ދެވިފައިވަނީ 2010 ވަނަ އަހަރު އެވެ. މިފަހަރު ވެސް ގްރޫޕް ސްޓޭޖާ ހިސާބުން ކޮރެޔާ އަށް މުބާރާތް ނިންމާލަން ޖެހުމުގެ ބިރު އޮތްއިރު ދެވަނަ ބުރަށް ދިޔުމަށް ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް އޭގެ ބޭނުން ހިފަން ކޮރެޔާ އިން އޮތީ ތައްޔާރަށެވެ. ޕޯޗުގަލް ބަލިކުރުމަކީ ކޮރެޔާ އަށް އޮތް ބޮޑު ޗެލެންޖެއް ކަމަށްވާއިރު އެކަން ކުރުމަށް ކޮރެޔާ އިން ރަނގަޅު ކުޅުމެއް މިރޭ ދައްކަން ޖެހެ އެވެ.

ޕޯޗުގަލް

މިއީ ވޯލްޑް ކަޕެއްގައި ޕޯޗުގަލް އިން އޭޝިއާގެ ޓީމަކާ ދެކޮޅަށް ނިކުންނަ ފަސްވަނަ ފަހަރެވެ. އޭގެތެރެއިން ތިން މެޗުން ޕޯޗުގަލް މޮޅުވިއިރު އެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އެޓީމު ބަލިވީ 2002 ވަނަ އަހަރު ދެކުނު ކޮރެޔާ އަތުންނެވެ.

ޕޯޗުގަލް އަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު މިހާތަނަށް ކާމިޔާބު ކުރެވުނީ ދެ ފަހަރަކު އެވެ. އެއީ 1966 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ޕޯޗުގަލްގެ ފުލްބެކް ނޫނޯ މެންޑޭސް އަށް މިހާރު ވަނީ މުބާރާތް ނިމިފަ އެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅޭނެ ކަމަށް ބެލެވެނީ ރަފޭލް ގުރޭރޯ އެވެ.

ކޮރެޔާ

ވޯލްޑް ކަޕްގައި ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް ކޮރެޔާ އިން ކުޅުނު 23 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އޭގެތެރެއިން 12 މެޗުން ކޮރެޔާ ބަލިވެފައިވެ އެވެ.

އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ކޮރެޔާ ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކޮރެޔާގެ ޑިފެންޑަރު ކިމް މިން ޖޭ އަށް ނުކުޅެވޭއިރު އެޓީމުގެ ފޯވާޑް ވަންގް ހީ ޗަން އަށް ވެސް މި މެޗުގައި ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

ޕޯޗުގަލް އާއި ކޮރެޔާ މީގެކުރިން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކަމަށްވާއިރު އެފަހަރު ކޮރެޔާ އިން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ.

ކޮރެޔާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.