Last Updated: July 16, 13:57
Thursday, July 16, 2026
ޚަބަރު

އައްޑޫ ބަހުން ހުތުބާކީ މުދިމުގެ ސަސްޕެންޝަން އުވާލައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އައްޑޫ ބަހުރުވައިން ހުކުރު ޚުތުބާ ކިޔައިގެން ސަސްޕެންޑް ކުރި މުދިމުގެ ސަސްޕެންޑް އުވާލައިފި އެވެ.

އައްޑޫ ބަހުން ހުތުބާ ކިޔައިގެން ސަސްޕެންޑްކުރީ މީދޫގެ ޚަތީބު މުހައްމަދު ރަޝީދު އެވެ. ސަސްޕެންޝަން އުވާލުމުން އޭނާ ވަނީ މިއަދު އިމާމުވެ ހުކުރު ނަމާދުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރުމުގެ އިތުރުން އޭނަ އަށް ދީފައި އޮތް އިމާމުވެ ހުކުރު ނަމާދުކުރުމުގެ ހުއްދަ އާއި އީދާއި ކޭތަނަމާދު ކުރުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ހިފެހެއްޓި އެވެ.

މުހައްމަދު ރަޝީދު ސަސްޕެންޑްކުރީ މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުޠުބާ ކީއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުއިން ފޮނުވި ހުޠުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކިޔާފައިވާތީ އެވެ.

މުހައްމަދު ރަޝީދު މީގެކުރިން "އައްޑޫލައިވް"އާ ވާހަކަދައްކަމުން ބުނީ ހުޠުބާގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އެގޮތުން ޤުރުއާނާއި ހަދީސް އާއި އޭގެ މާނަ ކިޔާފައިވާނީ ހުޠުބާގައި އޮތް ގޮތަށް ކަމަށެވެ. އަދި އެގޮތަށް އައްޑޫ ބަހަށް ބަދަލު ކުރީ ހުކުރަށް ދާ ބިދޭސީން ވެސް ހުޠުބާގައި ކިޔާ އެއްޗެއް ސާފު ނުވާ ކަމަށް ބުނާތީ ކަމަށް އޭނާ ބުނެފައިވެ އެވެ.