ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ޕޯޗުގަލް 2-1 އިން ބަލިކުރުމަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދެކުނު ކޮރެޔާ ދަތުރުކޮށްފި އެވެ.
މިއީ 2010 ވަނަ އަހަރަށްފަހު ދެކުނު ކޮރެޔާ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ކޮރެޔާ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް އެޗްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ ތިންވަނަ ހޯދި އުރުގުއޭ އަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު ކޮރެޔާ އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ އެއްވަނަ ހަ ޕޮއިންޓާ އެކު ޕޯޗުގަލް އިން ހޯދިއިރު ގްރޫޕްގެ ފުލަށްދިޔަ ގާނާ އަށް ލިބުނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގައި މިރޭ އުރުގުއޭ އިން ވަނީ ގާނާގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ކޮރެޔާ ބައްދަލުކުރާނީ ގްރޫޕް ޖީ އިން އެއްވަނަ ހޯދާ ޓީމަކާ އެވެ. ޕޯޗުގަލް ނިކުންނާނީ އެ ގްރޫޕުން ދެވަނަ ހޯދާ ޓީމަކާ އެވެ. އެ ގްރޫޕުން ބްރެޒިލް މިހާރު ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުކުރަން ބްރެޒިލް އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނެގީ ޕޯޗުގަލް އިންނެވެ. އެގޮތުން ޑިއޭގޯ ޑަލޮޓް ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ދިން ޕާހަކުން މި ގޯލް މެޗުގެ ފަސްވަނަ މިނެޓްގައި ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާ އެވެ. ނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި ކިމް ޔަންގް ވޮން ކޮރެޔާ އަށް ނަތީޖާ އެއްވަރުކޮށްދިން އިރު މި ގޯލަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައިގައި ޖެހިފައި ލިބުނު ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފްގައި ޕޯޗުގަލް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ކޮރެޔާ އިން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 90 ވަނަ މިނެޓްގައި ވަންގް ހީ ޗަން ވަނީ ކޮރެޔާ އަށް މެޗުގެ ލީޑު ނަގާދީފަ އެވެ. ކޮރެޔާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ވަންގް މި ގޯލް ކާމިޔާބުކުރީ ކޮރެޔާގެ ކެޕްޓަން ސޮން ހެއުން މިން ދިން ރީތި ޕާހަކުން ޕޯޗުގަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި މޮޅާއެކު ކޮރެޔާ ދެވަނަ ބުރަށް ދަތުރުކުރިއިރު މިއީ މިފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި އޭޝިއާގެ ތިންވަނަ ޓީމެވެ. އަނެއް ދެ ޓީމަކީ އޮސްޓްރޭލިއާ އާއި ޖަޕާނެވެ.