ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ ދެވަނަ ބުރުން އޭޝިއާގެ ތިން ޓީމެއް ޖާގަ ހޯދައިފި އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕްތަކުގެ މެޗުތައް ކުޅެ ނިމިފައިވާއިރު ދެވަނަ ބުރުގައި ޖާގަ ހޯދި އޭޝިއާގެ ތިން ޓީމަކީ އޮސްޓްރޭލިއާ އާއި ދެކުނު ކޮރެޔާ އަދި ޖަޕާނެވެ. މި ތިން ޓީމުން ވެސް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދީ ޔޫރަޕްގެ ޓީމުތައް ބަލިކުރުމަށްފަހު އެވެ.
އެގޮތުން އޮސްޓްރޭލިއާ އިން ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި ޑެންމާކް 1-0 އިން ބަލިކުރުމަށްފަހު އެވެ. މިއީ 16 އަހަރަށްފަހު އޮސްޓްރޭލިއާ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ޖަޕާނުން ދެވަނަ ބުރުގެ ޖާގަ ހޯދީ ޔޫރަޕްގެ ގަދަ ބާރު، ސްޕެއިންގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއީ ޖަޕާން ދެވަނަ ބުރުން ޖެހިޖެހިގެން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި ދެކުނު ކޮރެޔާ މިރޭ ދެވަނަ ބުރުން ޖާގަ ހޯދީ ޕޯޗުގަލް 2-1 އިން ބަލިކުރުމަށްފަހު އެވެ. މިއީ 2010 ވަނަ އަހަރަށްފަހު ކޮރެޔާ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ދެވަނަ ބުރުގައި އޮސްޓްރޭލިއާ ބައްދަލުކުރާނީ ދެކުނު އެމެރިކާގެ ގަދަ ބާރު އާޖެންޓީނާއާ އެވެ. ޖަޕާނުން ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕް ކަމަށްވާ ކްރޮއޭޝިޔާއާ ބައްދަލުކުރަން ޖެހޭއިރު ކޮރެޔާ ބައްދަލުކުރާނީ ގްރޫޕް ޖީގެ އެއްވަނަ ހޯދާ ޓީމަކާ އެވެ. އެ ގްރޫޕުން ބްރެޒިލް މިހާރު ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުކުރަން ބްރެޒިލް އަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމު ކަމަށްވާ ގަތަރާއެކު ވޯލްޑް ކަޕްގައި ޖުމްލަ ހަ ޓީމަކުން މިފަހަރުގެ މުބާރާތުގައި އޭޝިއާ ތަމްސީލުކޮށްފައިވެ އެވެ. އެޓީމުތަކަކީ ގަތަރު، ދެކުނު ކޮރެޔާ، އޮސްޓްރޭލިއާ، ސައުދީ އަރަބިއްޔާ އަދި އިރާނާއި ޖަޕާނެވެ.
މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް މާދަމާ އިން ފެށިގެން ކުރިއަށްދާނެ އެވެ.