ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު ބުރުގެ އެންމެފަހު ދެ މެޗު މިރޭ ކުޅޭއިރު މިރޭ ކުޅޭ ގްރޫޕް ޖީގެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ކެމަރޫން އެވެ.
ބްރެޒިލް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ބްރެޒިލް ފުރަތަމަ މެޗުގައި މޮޅުވީ ސާބިޔާ އަތުން 2-0 އިންނެވެ. އަދި ދެވަނަ މެޗުގައި އެޓީމުން ސްވިޒަލޭންޑް ބަލިކުރީ 1-0 އިންނެވެ. ކެމަރޫން ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން 1-0 އިން ބަލިވިއިރު ސާބިޔާއާ ދެކޮޅަށް ކުޅުނު ދެވަނަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ބްރެޒިލް އަށް ގްރޫޕްގެ އެއްވަނަ ކަށަވަރު ކުރަން މިރޭ ބޭނުން ވަނީ އެންމެ ޕޮއިންޓެއް ކަމަށްވާއިރު ދެވަނަ ބުރަށް ދިޔުމުގެ ކިރިޔާވެސް ފުރުސަތެއް ކެމަރޫނަށް އޮތީ މިރޭގެ މެޗުން މޮޅެއް ހޯދައިގެންނެވެ.
ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ހިމެނޭ ބްރެޒިލް، ސްވިޒަލޭންޑް އަތުން ހޯދި މޮޅާއެކު ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަލި ނުވެ 17 މެޗު ފުރިހަމަކުރި ފުރަތަމަ ޓީމަށެވެ. ގްރޫޕް ސްޓޭޖު މެޗަކުން ބްރެޒިލް އެންމެފަހުން ބަލިވީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވީ ނަމަވެސް ބްރެޒިލް އިން މިރޭ ނިކުންނަނީ ތިން މޮޅާއެކު ގްރޫޕް ސްޓޭޖު ނިންމާލުމުގެ އުއްމީދުގަ އެވެ. ނަމަވެސް ދެވަނަ ބުރަށް ގޮސްފައިވުމުން މިރޭގެ މެޗަށް ބްރެޒިލް އިން ނެރޭ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް އައުން އެކަށީގެންވެ އެވެ.
އެންމެފަހުން ކެމަރޫން އިން ވާދަކުރި ފަސް ވޯލްޑް ކަޕުން ވެސް އެޓީމު ކެޓީ ގްރޫޕް ސްޓޭޖުން ކަމަށްވާއިރު އެޓީމަށް ގްރޫޕް ސްޓޭޖް ފަހަނައަޅާ އެންމެފަހުން ދެވިފައިވަނީ 1990 ވަނަ އަހަރު އެވެ. މިފަހަރު ވެސް ގްރޫޕް ސްޓޭޖާ ހިސާބުން ކެމަރޫނަށް މުބާރާތް ނިންމާލަން ޖެހުމުގެ ބިރު އޮތްއިރު ދެވަނަ ބުރަށް ދިޔުމަށް ކިތަންމެ ހަނި ފުރުސަތެއް އޮތް ނަމަވެސް އޭގެ ބޭނުން ހިފަން ކެމަރޫން އިން އޮތީ ތައްޔާރަށެވެ. ބްރެޒިލް ބަލިކުރުމަކީ ކެމަރޫނަށް އޮތް ބޮޑު ޗެލެންޖެއް ކަމަށްވާއިރު އެކަން ކުރުމަށް ފާއިތުވި ދެ މެޗުގައި ދެއްކި ވަރަށް ވުރެ މޮޅު ކުޅުމެއް ކެމަރޫން އިން މިރޭ ދައްކަންޖެހެ އެވެ.
ބްރެޒިލް
ވޯލްޑް ކަޕްގައި އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތް މެޗުން ވެސް ބްރެޒިލް ވަނީ މޮޅުވެފަ އެވެ. އެ ހަތް މެޗުގައި ބްރެޒިލް އިން 20 ގޯލް ޖެހިއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
ކެމަރޫންއާ ދެކޮޅަށް އެންމެފަހުން ހަ މެޗުގެ ތެރެއިން ފަސް މެޗުން ބްރެޒިލް ވަނީ މޮޅު ހޯދާފަ އެވެ.
މިރޭގެ މެޗަށް ބްރެޒިލް އިން ނެރޭ ފުރަތަމަ އެގާރާއިން ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވޭއިރު އެޓީމުގެ ކެޕްޓަންކަން މިރޭ ކުރާނީ ތަޖުރިބާކާރު ފުލްބެކް ޑެނިއަލް އަލްވޭސް އެވެ. އުމުރުން 39 އަހަރުގެ އަލްވޭސް ވެގެންދާނީ ވޯލްޑް ކަޕެއްގައި ބްރެޒިލް އަށް ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
ކެމަރޫން
ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކެމަރޫން އިން ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު މޮޅުވެފައިވަނީ ދެ މެޗުންނެވެ. ދެ މެޗުން އެޓީމު ބަލިވިއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ކެމަރޫން ދެ މެޗުން ވެސް ބަލިވީ ބްރެޒިލް އަތުންނެވެ.
ވޯލްޑް ކަޕެއްގައި މިހާތަނަށް ކެމަރޫން އިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅެއް ހޯދިފައެއް ނުވެ އެވެ. އެގޮޮތުން ފަސް މެޗުން ބަލިވިއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ކެމަރޫން ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
ބްރެޒިލް އާއި ކެމަރޫން މީގެކުރިން ހަ ފަހަރު ބައްދަލުކޮށްފައިވާއިރު ފަސް މެޗު ކާމިޔާބުކުރީ ބްރެޒިލް އިންނެވެ. ކެމަރޫނަށް ބްރެޒިލް ބަލިކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2003 ވަނަ އަހަރުގެ ކޮންފެޑެރޭޝަންސް ކަޕްގަ އެވެ.
ކެމަރޫން އާއި ބްރެޒިލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.