Last Updated: July 17, 05:40
Friday, July 17, 2026
ކުޅިވަރު

ކެމަރޫން އިން ބްރެޒިލް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީ ގައި މިރޭ ކެމަރޫން އިން 1-0 އިން ބްރެޒިލް ބަލިކޮށްފި އެވެ.

މި މެޗުން މޮޅުވި ނަމަވެސް ކެމަރޫން ވަނީ މުބާރާތުން ކަޓާފަ އެވެ. ގްރޫޕް ޖީ އިން ދެވަނަ ބުރަށް ގޮސްފައިވަނީ ބްރެޒިލް އަދި ސްވިޒަލޭންޑެވެ. މި ގްރޫޕްގައި މިރޭ ސްވިޒަލޭންޑުން ވަނީ 3-2 އިން ސާބިޔާ ބަލިކޮށްފަ އެވެ.

މިއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ބްރެޒިލް ގްރޫޕް ސްޓޭޖް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ އެފްރިކާގެ ޓީމަކަށް ބްރެޒިލް ބަލިކުރެވުނު ފުރަތަމަ ފަހަރުވެސް މެ އެވެ.

މިރޭގެ ނަތީޖާތަކާއެކު ބްރެޒިލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ހޯދި ސްވިޒަލޭންޑަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު ބްރެޒިލް އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ. ކެމަރޫން އަށް ހަތަރު ޕޮއިންޓް ލިބުނުއިރު ގްރޫޕްގެ ފުލަށްދިޔަ ސާބިޔާ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ދެވަނަ ބުރުގައި ބްރެޒިލް ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ. ސްވިޒަލޭންޑް ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ބްރެޒިލް އިން ނެރުނު ފުރަތަމަ އެގާރައިން ބޮޑަށް ޖާގަދީފައިވަނީ އާންމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ކުޅުންތެރިންނަށެވެ. އެގޮތުން ބްރެޒިލްގެ ކެޕްޓަންކަން މި މެޗުގައި ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ޑެނިއަލް އަލްވޭސް އެވެ.

ބްރެޒިލް އަށް ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ގޮސްފައިވާއިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ކެމަރޫންގެ ގޯލްކީޕަރު އެޕަސީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ބްރެޒިލްގެ ގެބްރިއަލް މާޓިނެއްލީ އާއި މިލިޓާއޯ އަދި އެންޓޮނީ ފޮނުވާލި ހަމަލާތައް ކެމަރޫންގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 90 ވަނަ މިނެޓްގައި ކެމަރޫނަށް ކާމިޔާބުކޮށްދިނީ ވިންސެންޓް އަބޫބަކާ އެވެ. އަބޫބަކާ މި ގޯލް ކާމިޔާބުކުރީ ބްރެޒިލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލަށްފަހު ޖޯޒީ ބޭލުމުން ރެފްރީ ވަނީ އަބޫބަކާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފަ އެވެ.

މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ބްރެޒިލް އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ވަނީ ހިފޭގޮތް ނުވެފަ އެވެ.