Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

މީދޫގައި އެކްސިޑެންޓްވި ދެ މީހަކު އައިސީޔޫގައި

މީދޫގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު: ފޮޓޯ: ހާމިދު

ސ. މީދޫގައި ރޭ 11:30 ހާ އިރު ކާރެއް ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި 2 މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މީދޫން ވާހަކަ ދެއްކި މީހަކު ބުނީ ބާރު ސްޕީޑްގައި ދުއްވި ކާރު ކޮންޓްރޯލް ނުވެ ޖެހިފައިވަނީ މީދޫ ހައި އެނާޖީ ގަރާޖާއި ދިމާލު ފާރުގައެވެ. މިހާދިސާގައި އަނިޔާވެފައިވަނީ މީދޫ، ނޫފިޔަ، އަބްދުﷲ ސިނާނު އާއި ހުޅުދޫ ވެލްބޭ ކްރެސެންޓް، އަލި މަނިކުފާންގެ އިތުރުން ހުޅުދޫ އާބާދު ވިލާ، އަބްދުއް ސަލާމްއެވެ.

މީދޫގައި ރޭ ހިނގި އެކްސިޑެންޓްގައި  ގެއްލުން ލިބުނު ކާރު: ފޮޓޯ: ހާމިދު
މީދޫގައި ރޭ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ކާރު: ފޮޓޯ: ހާމިދު

ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްވި 3 މީހުންގެ ތެރެއިން އަލި މަނިކުފާން އާއި ސިނާން އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާފައިވާ އިރު ، އަބްދުއް ސަލާމްއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުދެއްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި މައްސަލަ ގުޅޭ ގޮތުން ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ކާރުގައި ތިބި 4 މީހުންގެ ތެރެއިން އެކެއްގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ އިތުރުން އެކްސިޑެންޓްވި ކާރަކީ އެއްވެސް މީހެއްގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ކާރެއްނޫން ކަން އެނގިފައިވާ ކަމަށެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިހުން ދަނީ ތަހްގީގު ކުރަމުންނެވެ.