ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ފެވަރިޓުންނަކީ އާޖެންޓީނާ ނޫން ކަމަށް އެޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އޮސްޓްރޭލިއާ 16 އަހަރަށްފަހު ދެވަނަ ބުރުން މިފަހަރު ޖާގަ ހޯދީ ގްރޫޕް ޑީގެ ދެވަނަ ހޯދައިގެންނެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ބުނީ ވޯލްޑް ކަޕްގައި ކުޅޭ ހުރިހާ ޓީމެއް ވެސް އުނދަގޫ ކަމަށާއި އެކަން ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން މިރޭގެ މެޗު އާޖެންޓީނާ އަށް ފަސޭހަވާނެ ކަމަށް ދެކުމަކީ ބޮޑު ގޯހެއް ކަމަށާއި އެގޮތުން އުނދަގޫ ޓީމުތައް ކައިރިން ވެސް ދެމިލެވޭނެކަން މި މުބާރާތުގައި އޮސްޓްރޭލިއާ އިން ސާބިތުކޮށްދީފައިވާ ކަމަށް ސްކަލޯނީ ބުންޏެވެ.
"ހުރިހާ މެޗެއް ވެސް އުނދަގޫ. އޮސްޓްރޭލިއާއާ ކުޅޭ މެޗު ފަސޭހަވާނެ ކަމަށް ދެކޭނަމަ އެއީ ގޯހެއް. އަހަރަމެންނަކީ ފެވަރިޓުންނެއް ނޫން." ސްކަލޯނީ ބުންޏެވެ.
އޮސްޓްރޭލިއާ އާއި އާޖެންޓީނާ މީގެކުރިން ވަނީ ހަތް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ފަސް މެޗުން އާޖެންޓީނާ މޮޅުވިއިރު އޮސްޓްރޭލިއާ މޮޅުވީ އެންމެ މެޗަކުންނެވެ. މިއީ ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ.
އާޖެންޓީނާ އާއި އޮސްޓްރޭލިއާ އެންމެފަހުން ބައްދަލުކުރީ 2007 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.
އާޖެންޓީނާ އާއި އޮސްޓްރޭލިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.