Last Updated: July 17, 05:40
Friday, July 17, 2026
ކުޅިވަރު

އޮސްޓްރޭލިއާ މިރޭ ނިކުންނާނީ ހަނގުރާމައަކަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ އޮސްޓްރޭލިއާ އަށް ހަނގުރާމައެއް ކަމަށް އެޓީމުގެ ކޯޗު ގްރެހަމް އާނޯލްޑް ބުނެފި އެވެ.

ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލަށް އޮސްޓްރޭލިއާ މިހާތަނަށް ދަތުރުކޮށްފައި ނުވާއިރު އެޓީމު މުބާރާތުގެ ދެވަނަ ބުރަށް މިފަހަރު ދަތުރުކުރީ ވެސް 16 އަހަރަށްފަހު އެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އާނޯލްޑް ބުނީ އާޖެންޓީނާއާ ދެކޮޅަށް ކުޅޭތީ މިރޭ ދަނޑުމަތިން ފެންނަ އޮސްޓްރޭލިއާގެ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ވެސް އެންމެ މޮޅު ކުޅުން ފެންނާނެ ކަމަށާއި ހުރިހާ ކުޅުންތެރިންގެ ސިކުނޑިތައް ވެސް ހުންނަން ވާނީ ކޮންމެ ސިކުންތެއްގައި ވެސް ސްވިޗް އޮންކޮށްފައި ކަމަށެވެ.

"އާޖެންޓީނާ އަށް އިހުތިރާމް އަދާނުކުރާކަށް ނޫން، އެކަމަކު މިރޭ ކުޅޭނީ 11 ކުޅުންތެރިން 11 ކުޅުންތެރިންނާ. އެއްކޮޅުގައި ތިބޭނީ ނޫކުލައިގެ ޖޯޒީގައި ތިބޭ 10 ކުޅުންތެރިން، އަނެއްކޮޅުގައި ތިބީ ރީނދޫ ޖޯޒީގައި ތިބޭ 10 ކުޅުންތެރިން. މިއީ ކުރިމަތިލުމެއް، މިއީ ހަނގުރާމައެއް." އާނޯލްޑް ބުންޏެވެ.

ފްރާންސް އާއި ޑެންމާކް އަދި ޓިއުނީޝިއާ ހިމެނުނު ގްރޫޕުން ދެވަނަ އޮސްޓްރޭލިއާ ހޯދުން ވެގެންދިޔައީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމެކެވެ.

އާނޯލްޑް ބުނީ އޮސްޓްރޭލިއާ އަކީ އެންމެން ވެސް މޮޅުވާނެ ކަމަށް އުއްމީދުނުކުރާ ޓީމު ކަމަށާއި އެކަން އެގޮތަށް އޮންނާތީ ވެސް އުފާކުރާ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާގެ ރޫހަކީ އެފަދަ ހާލަތްތަކުގައި ގޮސް ކަންކަން ހާސިލުކުރުން ކަމަށްވެސް އޭނާ ބުންޏެވެ.

އެންމެފަހުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން އޮސްޓްރޭލިއާއަށް ހޯދުނީ އެންމެ މޮޅެކެވެ. އެ މޮޅު އޮސްޓްރޭލިއާ އިން ހޯދީ 1988 ވަނަ އަހަރު ކަމަށްވާއިރު، އެފަހަރު އާޖެންޓީނާ ބަލިކުރި ޓީމުގައި އޮސްޓްރޭލިއާގެ މިހާރުގެ ކޯޗު އާނޯލްޑް ވެސް ހިމެނެ އެވެ.