Last Updated: July 17, 05:40
Friday, July 17, 2026
ކުޅިވަރު

އެމެރިކާ އަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު އެއް ޓީމު

އެމެރިކާ އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ އެންމެ މޮޅު އެއް ޓީމު ކަމަށް ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ނެދަލޭންޑްްސް އާއި އެމެރިކާ ބައްދަލުކުރާއިރު، ނެދަލޭންޑްސް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އެމެރިކާ 2014 ވަނަ އަހަރަށްފަހު ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

މިރޭގެ މެޗުގެކުރިން ވާހަކަދައްކަމުން ވެންހާލް ބުނީ އެމެރިކާގައި އޮތީ މޮޅު ޓީމެއް ކަމަށާއި އެއީ ވޯލްޑް ކަޕްގައި މިފަހަރު ކުޅޭ އެންމެ މޮޅު އެއް ޓީމު ކަމަށެވެ. މިރޭގެ މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް ކަމަށާއި ނަމަވެސް ނެދަލޭންޑްސްގައި ވެސް ރަނގަޅު ޓީމެއް އޮތުމުން އެމެރިކާ އިން ކުރާ އުނދަގޫތަކުން އަރައިގަނެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެންހާލް ބުންޏެވެ.

"ދެން މެޗު ފެށުނީމަ އެނގޭނީ ކޮން ޓީމެއްގެ ސްކޮޑުކަން އެންމެ ގަދައީ." ވެންހާލް ބުންޏެވެ.

ވެންހާލް ބުނީ އެމެރިކާއާ ދެކޮޅަށް ކުޅުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށާއި އެގޮތުން އެމެރިކާ އަކީ މޮޅު ޓީމެއްގެ ގޮތުގައި ނަމޫނާއަކަށް ބަލަން ރަނގަޅު ޓީމެއް ކަމަށެވެ. އެގޮތުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ބައެއް ޓީމުތަކަކީ ޓީމެއްގެ ގޮތުގައި ރަނގަޅު ނުވިޔަސް ވަކިވަކި ކުޅުންތެރިންގެ މޮޅުކަން ހުރި ޓީމުތަކެއް ކަމަށްވެސް އޭނާ ބުންޏެވެ.

އެމެރިކާ އާއި ނެދަލޭންޑްސް އިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އޭގެތެރެއިން އެމެރިކާ އަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗު ކާމިޔާބުކުރީ ނެދަލޭންޑްސް އިންނެވެ.

އެމެރިކާ އާއި ނެދަލޭންޑްސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.