ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓީ ޕޯޗުގަލް އަށް ދިން ޕެނަލްޓީގެ ސަބަބުން ކަމަށް އުރުގުއޭގެ ކޯޗު ޑިއޭގޯ އޮލޮންސޯ ބުނެފި އެވެ.
ގްރޫޕްގެ ފަހު މެޗުގައި ރޭ ގާނާ އަތުން 2-0 އިން މޮޅުވި ނަމަވެސް އުރުގުއޭ މުބާރާތުން ކެޓީ ގްރޫޕްގެ ދެވަނަ ހޯދި ދެކުނު ކޮރެޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުން އެޓީމަށް ކުރި ނުލިބުމުންނެވެ. ކޮރެޔާއާއެކު އެ ގްރޫޕުން ދެވަނަ ބުރަށް ދެން ދަތުރުކުރީ ޕޯޗުގަލް އެވެ.
ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އާއި އުރުގުއޭ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ޕޯޗުގަލް އިން ކަމަށްވާއިރު އެ މެޗުގައި ޕޯޗުގަލް އިން ޖެހި ދެވަނަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ޕެނަލްޓީއާ މެދު އުރުގުއޭ ކުޅުންތެރިން އެ މެޗުގައި ހިތްހަމަނުޖެހުން ފާޅުކުރިއިރު އެ މެޗު 1-0 އިން ނިމުނު ނަމަ ގޯލުގެ ތަފާތުން ކުރި ހޯދައިގެން އުރުގުއޭ އަށް ރޭ ދެވަނަ ބުރަށް ދެވޭނެ އެވެ.
އުރުގުއޭގެ ކޯޗު އޮލޮންސޯ ބުނީ އެޓީމު މުބާރާތުން ކެޓީ ޕޯޗުގަލް މެޗުގައި ދިން ޕެނަލްޓީގެ ސަބަބުން ކަމަށާއި އެ ޕެނަލްޓީގެ އަސަރު ގޯލުގެ ތަފާތަށް ކުރި ކަމަށެވެ. އަދި ފީފާ އިން ވެސް ފަހުން އެއީ ދީގެން ވާނެ ޕެނަލްޓީއެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޮލޮންސޯ ބުންޏެވެ.
"އެ ޕެނަލްޓީ އެ އޮތީ ދީފައި. އެކަމަކު ފީފާ އިން ފަހުން ބުނި އެއީ ދީގެން ވާނެ ޕެނަލްޓީއެއް ނޫނޭ. އެހެންވެ އަހަރަމެން ކެޓީ." އޮލޮންސޯ ބުންޏެވެ.
މިއީ 2002 ވަނަ އަހަރަށްފަހު އުރުގުއޭ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.