އުކައިލާ ކުންޏަށް ދައްކަން ޖެހޭ ފީ ނުދައްކައިގެން އެމެރިކާގެ ދުވަސްވީ އަންހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އަލަބަމާ އަށް ނިސްބަތްވާ 82 އަހަރުގެ މާތާ ލުއީ މެނެފީލްޑެވެ. އަދި އޭނާ ބިޑި އަޅުވައިގެން ހައްޔަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.
މިކަމާ ބެހޭ ގޮތުން އަލަބަމާގެ ސިޓީ ވެލީ ޕޮލިހުން ފޭސްބުކްގައި ބުނީ އަންހެން މީހާ ހައްޔަރުކުރީ ފާއިތުވި ތިން މަހުގެ ކުނި ބިލް ނުދައްކައިގެން ކަމަށާއި ހައްޔަރުކުރީ ބިލް ދައްކަން ތިން ފަހަރަށް ނޯޓިސް ދީގެން ވެސް އެއަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ. އެ މީހާގެ ތިން މަހުގެ ކުނީގެ ބިލަށް އަރާފައި އޮތީ 77.80 ޑޮލަރެވެ.
ފުލުހުން ބުނީ ބިލް ނުދައްކައިގެން އަންހެން މިހާ ހައްޔަކުރި ނަމަވެސް އޭނައާ މެދު ފުލުހުން އަމަލުކުރީ ވަރަށް ރަނގަޅަށް އިހުރިތރާމާ އެކީގައި ކަމަށެވެ. ނަމަވެސް އެހާ ދުވަސްވީ މީހަކު، އެންމެ 77 ޑޮލަރުގެ ބިލަކާ ހެދި ހައްޔަރުކުރުމުން ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ސިޓީ އޮފް ވެލީ ޕޮލިހުންގެ ވެރިޔާ މައިކް ރޭނޮލްޑްސް ވިދާޅުވީ މާތާ ހައްޔަރުކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ބޮންޑެއްގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.
މާތާ ބުނީ ފުލުހުން އޭނާ ހައްޔަރުކުރުންވީ ވަރަށް ބޮޑު ޝޮކަކަށް ކަމަށާއި ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު ބެހެއްޓީ "ކުޑަވަރެއްގެ ކޮއްޓެއް" ގެ ތެރޭގައި ކަމަށެވެ.