Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

އެމްޑީޕީ ބައިބައިކުރަން ޖާގައެއް ނުދޭނަން: ރީކޯ

އެމްޑީޕީ ބައިބައިކުރަން ޖާގަ ނުދެއްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ޕާޓީން ވަކިވިތާ އަހަރުތަކެއް ފަހުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމްޑީޕީއާ ގުޅިވަޑައިގަތް އަދި ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ވެސް އެމްޑީޕީން ދައްކައި ދިނީ އެއީ ވަކި މީހަކު ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން ކަމަށެވެ.

"ސަތާރަ އަހަރަށް ފަހު އަމިއްލަ ފައިމައްޗަށް ޕާޓީ ނަގައި ދިނީ ޕާޓީ އުފެއްދުމަށް އެއްމެއިސްކޮށް އުޅުނު ޕާޓީގެ އާންމު މެމްބަރުން،" މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ. "އެ މެމްބަރުންނަށް ގޮންޖަހާފައި ޕާޓީ ބައިކުރަން ޖާގައެއް ނުދޭނަން."

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވާނެކަން އިއުލާންކުރައްވާފައި އިރު، މޫސަ އަކީ ރައީސަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި ރައީސަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމަށް ބުނި ނަމަވެސް އަދިވެސް އެ ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރެ އެވެ. އަދި މިހާރު އަޑުތައް އަރާފައިވާ ގޮތުން ނަޝީދު ޕްރައިމަރީގައި ވާދަކުރައްވައި ރައީސްގެ ފަޅިއާ ދެކޮޅަށް މަސައްކަތްކުރައްވާނެ އެވެ.

މިހާރު "ދެ ފެކްޝަނެއް" އޮތް ޕާޓީގެ ޕްރައިމަރީ އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އެއްޗެކެވެ. އަދި މިއީ ރައީސާއި ނަޝީދުގެ ވަރުގަދަ "ތަޅާލުންގަނޑަކަށް" ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.