މިދިޔަ ހަފުތާގައި ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނަ އަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލުން ބުނެފި އެވެ.
ސައޮ ޕޯލޯގެ އަލްބަޓް އައިސްޓެން ހޮސްޕިޓަލްގައި 82 އަހަރުގެ ޕެލޭ އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނަގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ޕެލޭގެ ހާލު ގޯސްވީ އެތެރެހަށީގެ އިންފެކްޝަނަކާ ގުޅިގެން ކަމަށާއި ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ.
"ޕެލޭގެ ހާލަތަށް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައި. ވަރަށް ގާތުން ހާލަތު މޮނިޓަ ވެސް ކުރެވެމުން އަންނަނީ،" ހޮސްޕިޓަލުން ބުންޏެވެ. "އެހެންވީމަ އަދިވެސް ދުވަސްކޮޅަކަށް އޮބްޒަވޭޝަނަށް ހޮސްޕިޓަލްގައި ޕެލޭ އޮންނާނެ."
ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕެލޭ އަށް ފަހަކަށް އައިސް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން އޭނަ އަށް ކޮލޯން ކެންސަރު ޖެހިގެން ވެސް ފަރުވާ ހޯދަން ޖެހުނެވެ.
ޕެލޭގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ އިރު، މި އަހަރުގެ ވޯލްޑް ކަޕް ގަތަރު ދަނީ ކުރިއަށެވެ. އެ މުބާރާތުގައި ރޭ ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް ބަލިވެފައިވެ އެވެ. ރޭގެ ނަތީޖާއާ އެކީ މުބާރާތުގެ ދެވަނަ ބުރަށް އެ ގައުމު ދަތުރުކުރީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކީ ގްރޫޕް ޖީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ހޯދި ސްވިޒަލޭންޑަށް ވެސް ހަ ޕޮއިންޓް ލިބުނުއިރު ބްރެޒިލް އަށް ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ.
ދެވަނަ ބުރުގައި ބްރެޒިލް ބައްދަލު ކުރާނީ ދެކުނު ކޮރެޔާއާ އެވެ.
ފުޓްބޯޅައިގެ ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި 1،281 ގޯލް ޖަހާފައިވެ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖެހީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ. ޕެލޭ އަކީ ވޯލްޑް ކަޕް ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.