އެކްޓިން އިން ހަތަރު ވަރަކަށް އަހަރުގެ ބްރޭކެއް ނެގީ އެންމެ ފަހުން ރިލީޒްވި ފިލްމު "ޒީޒޯ" ފްލޮޕްވުމުން ނޫން ކަމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.
މިހާރު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ދެވަނަ އެޑިޝަންގައި އޭނަގެ އައިކޮނިކް ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ވެސް ޕްރީމިއާކޮށްފައިވާ އިރު، ފެސްޓިވަލްގެ ފެށުމުގެ ރަސްމިއްޔާތުގައި ބުރާސްފަތި ދުވަހު ޝާހްރުކް ބުނީ އެކްޓިން އިން ބްރޭކެއް ނެގީ އާއިލާ އަށް ވަގުތު ދޭން ކަމަށެވެ.
ޝާހްރުކް ލީޑުން އެންމެ ފަހުން ފެނުނު "ޒީރޯ" އަކީ 2018 ގެ ފިލްމެކެވެ. މި ފިލްމުގެ ކުރިން ރިލީޒްވި އޭނަގެ އެހެން ފިލްމުތަކަކީ ވެސް ބެލުންތެރިން ބަލައިގަތް ފިލްމުތަކެއް ނޫނެވެ. އޭގެ ތެރޭގައި "ޖަބް ހެރީ މެޓް ސޭޖަލް" އާއި "ފޭން" އަދި "ރައީސް" ހިމެނެ އެވެ.
ސައުދީ ފެސްޓިވަލްގައި ޝާހްރުކް ބުނީ އޭނަގެ އެކްޓިންއާ ދުވަސްކޮޅަކަށް ފެއަށް ޖެހުމާއި އެ ފިލްމުތަކުގެ ނާކާމިޔާބީއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އޭނަ ބުނި ގޮތުގައި މަސައްކަތްތަކާ ދުރުވާން އެންމެ ބޮޑަށް ބޭނުންވި ސަބަބަކީ އާއިލާ އެވެ. އެގޮތުން އަންހެން ދަރިފުޅު ސުހާނާ ޚާން އިނގިރޭސިވިލާތުގައި ކޮލެޖް ތައުލީމު ފުރިހަމަކުރުމަށް ފަހު، އެމެރިކާ އަށް ޔުނިވަސިޓީ ތައުލީމަށް ބަދަލުވުން ފަދަ ކަންކަމާ އެކީ ދަރިންނާއި އާއިލާ އަށް ދޭން ޖެހުނު ވަގުތު މާ މުހިއްމު ކަމަށް ޝާހްރުކް ބުންޏެވެ.
ސުހާނާ އަދިވެސް ކިޔަވަމުން އަންނަ އިރު، އޭނަ އަންނަނީ ބޮލީވުޑަށް ނުކުންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ޑައިރެކްޓަރު ޒޯޔާ އަހަރު ހުޅަނގުގެ ކޮމިކް ވާހަކަ "ދި އާޗީ" އަށް ބިނާކޮށް ހަދާ ފިލްމު "ދި އާޗީސް" ގެ އެއް ބަތަލާ އަކީ 22 އަހަރުގެ ސުހާނާ އެވެ. އެ ފިލްމުން ކުރީގެ ބަތަލާ ސްރީދޭވީ ހަގު ދަރިފުޅު ހުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ބޮލީވުޑަށް ތައާރަފުވާނެ އެވެ.
ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން އެމެރިކާގެ ސައުތު ކެލިފޯނިއާ ޔުނިވަސިޓީން ގްރެޖްއޭޓްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.
ޝާހްރުކް، 57، ގެ ތިން ފިލްމެއް އަންނަ އަހަރަށް އެބައޮތެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ "ޕަތާން" އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ޖޫން 2 ގައި "ޖަވާން" އަދި އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު "ދުންކީ" ސިނަމާތަކަށް އަންނާނެ އެވެ.
ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޝާހްރުކް ބައިވެރިވެފައި މި ވަނީ "ދުންކީ" ޝޫޓިން ޝެޑިއުލެއް ވެސް މިދިޔަ ހަފުތާގައި އެ ގައުމުގައި ނިންމައިލުމަށް ފަހު އެވެ.
ފެސްޓިވަލްގައި އޭނަ ބުނީ "ޕަތާން" އަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި އެއީ މީގެ ކުރިން އެއްވެސް ޑައިރެކްޓަރަކު އޭނަ ލައްވައި ކުޅުވަން ބޭނުންވި ކަހަލަ ފިލްމެއް ނޫން ކަމަށެވެ. އެކަމަކު ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އެކްޝަން ފިލްމުތައް ކުޅެން ބޭނުންވާ ކަމަށް ބުންޏެވެ. އެގޮތުން ހޮލީވުޑްގެ ތަރި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ކަހަލަ ފިލްމުތައް ކުޅެން ވަރަށް ބޭނުންވާ ކަމަށް ލޯބީގެ ރޯލުތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި އެކްޓަރު ބުންޏެވެ.