ސްރީ ލަންކާ އިން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ އެހީ އަށް އެ ގައުމުން އެދިއްޖެ އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާ ވެސް ހިމެނޭ ގޮތަށް މި ސަރަހައްދުގައި ހިންގަމުންދާ މަސްތުވާތަކެތީގެ މުއާމަލާތްތަކާ ދެކޮޅަށް އެ ގައުމުން ކުރާ މަސައްކަތުގައި ރާއްޖޭން ބައިވެރިވެ، އެކަމަށް އެހީވުމަށް ލަންކާ އިން އެދުނީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އިއްޔެ ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.
އެގޮތުން ރަނިލް ފާހަގަކުރައްވާ ގޮތުގައި ލަންކާ އިން އަންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ. އެހެންވެ ސަރަހައްދީ ފެންވަރުގައި މިކަމާ ދެކޮަޅަށް ކުރެވޭ ހަނގުރާމައިގައި ރާއްޖޭގެ އެހީތެރިކަން އެ ގައުމަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑު ގައުމެކެވެ. އެގޮތުން ވަޔާއި ކަނޑުމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެކުރުމަކީ ވަރަށް ފުޅާކޮށް ހިނގަމުންދާ ކަމެކެވެ.
މީޑިއާތަކުން ބުނީ ފައިސާލާ އެކީ ކުރެއްވި މަޝްވަރާތަކުގައި ރަނިލް ވަނީ ލަންކާގައި މިހާރު ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރަމުން އަންނަ ދަނޑުވެރިކަމާއި ކްރޫޒް ޓޫރިޒަމްގެ އިތުރުން ވެސް މަތީ ފަންތީގެ ޓޫރިޒަމަށް ރާއްޖޭން އިންވެސްޓްކުރަން އެދިވަޑަގެންފަ އެވެ. މީގެ އިތުރުން ލަންކާ އިން ގާއިމުކުރަން ނިންމާފައިވާ ކްލައިމެޓް ޗޭންޖް ޔުނިވަސިޓީގައި ރާއްޖެ ހިއްސާވުމަށް ރަނިލް އެދިވަޑައިގެންނެވި އެވެ.

ލަންކާ އަކީ މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ އަދި އިގުތިސާދީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި އޮތް ގައުމެކެވެ. އެހެންވެ އެ ގައުމުން އަންނަނީ ބޭރު ގައުމުތަކުގެ އެހީ އެކި ގިތްގޮތަށް ހޯދަން މަސައްކަތްކުރަމުންނެވެ.
ލަންކާގެ ރައީސް ކަމަށް ރަނިލް ވަޑައިގެންނެވީ ޖުލައި މަހުގެ ތެރޭގަ އެވެ.