ރާއްޖޭގެ ތަޖުރިބާކާރު ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) އަލަށް އެއް ވަނަ ޑިވިޝަނަށް ދިޔަ، ބުރު ސްޕޯޓްސްގެ ކޯޗްކަމާ ހަވާލުވެއްޖެ އެވެ.
އައްޑޫ ފޭދު އަށް އުފަން އުމުރުން 48 އަހަރުގެ ކޯޗު އަލަށް ހަވާލުވި ޓީމަކީ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރެލިގޭޝަންގެ ޕްލޭއޮފުން އެއް ވަނަ ޑިވިޝަނަށް ދާދި ފަހުން މިހާރު ޕްރޮމޯޓްވި ޓީމެކެވެ. އެ ޓީމްގެ ކޯޗްކަމާ ނިޒާމް ހަވާލުވުން ވާނީ ބުރު ސްޕޯޓްސް ފުރަތަމަ ޑިވިޝަނުގައި ކުރާ ފުރަތަމަ ތަޖުރިބާއަށެވެ.
ބުރު ސްޕޯޓްސްގެ ކޯޗްކަމާ އިއްޔެ ނިޒާމްބެ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އޭނަ އެންމެ ފަހުން މަސައްކަތް ކުރީ ޓީސީ ސްޕޯޓްސްގަ އެވެ. ނިޒާމްބެ ވަނީ 2018 ގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދައިދީފަ އެވެ. ކްލަބް މާޒިއާ އަށް ވެސް 2020 ގައި ނިޒާމްބެ ކޯޗްކޮށް ދީފައިވެ އެވެ. ނިޒާމްބެ އަކީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗެއްގެ ގޮތުގައި ވެސް ދުވަސްކޮޅެއް ވަންދެން މަސައްކަތްކުރި ކޯޗެކެވެ.