Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

"ފްރެޑީ" ގައި ކާތިކް ވަރަށް މޮޅު

އިއްޔެ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިކުރި ބޮލީވުޑްގެ ތަރި ކާތިކް އާރިއަންގެ ތުރިލާ "ފްރެޑީ" އޭނަގެ ކެރިއަރުގައި މިހާތަނަށް އެންމެ މޮޅު އެކްޓިންއެއް ދެއްކި ފިލްމު ކަމަށް ކްރިޓިކުން ބުނެފި އެވެ.

މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބޮލީވުޑް ހަންގާމާގައި ގެނެސްދިން ރިވިއުގައި 32 އަހަރުގެ އެކްޓަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ. އޭނަ ބުނި ގޮތުގައި ފިލްމުގައި ކާތިކް ކުޅުނު ޑެންޓިސްޓެއްގެ ރޯލަށް އޭނާ ވަނީ ވަރަށް ބޮޑަށް ފިޓްވެ، ކެރެކްޓާގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ. އަދި އެ ރޯލަކީ އުނދަގޫ ރޯލެއް ނަމަވެސް އެއަށް ކާތިކް ފުރާނަ އަޅައިދީ، "ފްރެޑީ" އަކީ ސީދާ އޭނަކަން ބެލުންތެރިންނަަށް ދައްކުވައި ދީފައިވާ ކަމަށް ތަރަން ބުންޏެވެ.

ޝަޝަންކާ ގޯޝް ޑައިރެކްޓްކުރި ފިލްމުގައި ކާތިކް ކުޅުނީ މިޒާޖުގައި ހުންނަ އެކަހެރި ގޮތްގަނޑާ ހެދި އިންނާނެ މީހަކު ވެސް ނުވެފައި ހުންނަ ވަރަށް އާދަޔާހިލާފު މިޒާޖެއްގެ ޑެންޓިސްޓެއްގެ ރޯލެވެ. އޭނަގެ ހަޔާތަށް އިތުރު ކަންތައްތަކެއް އަންނަނީ ކައިވެނީގެ ތެރެއިން ގެވެށިއަނިޔާ އަށް ވެއްޓިފައިވާ އަންހެނެއް ކަމަށްވާ ކައިނާޒް އިރާނީ (އަލާޔާ ފަރްނީޗަރުވާލާ) އަށް ލިބޭ އަނިޔާއަކާ ގުޅިގެން ފްރެޑީގެ ކްލިނިކަކަށް ދަތުގެ ފަރުވާއެއް ހޯދަންދާ ހިސާބުންނެވެ.

އޭގެ ފަހުން މި ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދެ އެވެ. "ފްރެޑީ" ގައި ދެން ފެންނަނީ ކޮންމެ ގޮތެއް ހަދާފައި ވެސް ކައިނާޒް ހާސިލުކުރަން ފްރެޑީ ކުރާ ޖެހިލުންކުޑަ އަނިޔާވެރި ގަތުލުތަކެވެ. އެގޮތުން ކައިނާޒްގެ ފިރިމީހާ މަރާލުމަކީ ފްރެޑީގެ އެންމެ ބޮޑު އަމާޒެވެ.

ތަރަން ބުނި ގޮތުގައި "ފްރެޑީ" ސްކްރީންޕްލޭ ވަރަށް ފުރިހަމަ އެވެ. އަދި މީގެ އެންމެ ހާއްސަ ކަމަކީ ސަސްޕެންސް/މިސްޓްރީ ތުރިލާއަކަށް ބޭނުންވާ ހުރިހާ ރަހައެއް ފިލްމުން ވަރަށް ހެޔޮވަރުކޮށް، ވަރަށް ރަނގަޅަށް ގެނެސްދީފައިވެ އެވެ. އެގޮތުން މުޅި ފިލްމަކީ އޭގެ ތެރެއަށް ބެލުންތެރިންނަށް ވަދެވި ފޫހި ކަމެއް ނެތި ބަލާލެވޭ ކަހަލަ ފިލްމެއް ކަމަށް ބުންޏެވެ.

އެގޮތުން "ފްރެޑީ" ފުރިހަމަވުމުގެ އަސްލަކީ ޑައިރެކްޓަރު، އޭގެ ހުރިހާ ޑިޕާޓްމަންޓަކަށް ދިން އިސްކަން ކަމަށް ތަރަން ބުންޏެވެ. އެހެންވެ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ތުރިލާއެއް ބަލަން ބޭނުން ނަމަ މި ފިލްމު ބެލުމަަށް ތަރަން ރެކޮމަންޑްކުރެ އެވެ. ފިލްމަށް އޭނަ ދިނީ ފަހެކުން ހަތަރު ތަރީގެ ރޭޓިންއެކެވެ. މި ވަރުގެ ރޭޓިންއެއް ފިލްމަކަށް ލިބުނީ ގިނަ ފަހަރަށް ނާދިރު ކަމެކެވެ.

"ފްރެޑީ" އަކީ މި އަހަރު ރިލީޒްވި ކާތިކްގެ ދެވަނަ ފިލްމެވެ. އަނެއް ފިލްމަކީ މި އަހަރު ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ.