Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެންމެ ގިނަ ފައިސާ ދައްކަން ހުރީ ދައުލަތުން

މީހުންނަށް ދައްކަން ޖެހި އެކަމަކު ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނަ އެގޮތަށް ވިދާޅުވީ ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ފަށާފައިވާތީ އެވެ. ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި, ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެ ކަމަށެވެ.

އެގޮތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން ފައިސާ ނުދައްކާ ނަމަ ޖަލު އަދަބާ ވެސް ކުރިމަތިލާން ޖެހޭނެ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ ދައުލަތުން މީހުން ލައްވާ މަސައްކަތް ކުރުވާފައި ނޫނީ މުދާ ގަނެފައި ދައްކަންޖެހޭ ފައިސާ ނުދައްކައި އެތައް ދުވަހެއްވާ ކަމަށެވެ.

"ފައިސާ ނުދައްކާ އަށް މަސް ނުވަތަ ދޮޅު އަހަރުވީމާ އަދަބު ކަނޑައަޅާ ޖަލަށް ލާނީ ކާކު؟" އޭނާ ވިދާޅުވި އެވެ. " މީހުންނަށް ދައްކަން ޖެހި ނުދައްކާ އެންމެ ގިނ ފައިސާ ހުރީ ދައުލަތުން."