Last Updated: June 2, 18:03
Monday, June 2, 2025
ޚަބަރު

ނަޝީދަށް ކެންޑިޑޭޓްކަން ދޭން ހެޔޮނުވާނެ: އިޔާޒް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ދެ ދުވަހު އެކައްޗެއް ވިދާޅު ނުވާ ކަމަށާއި އެފަދަ މީހަކަށް ކެންޑިޑޭޓްކަން ދޭން ހެޔޮނުވާނެ ކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވާ ދީނީ އިލްމުވެރިޔާ އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގްކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ވިދާޅުވީ ނިޒާމު ބަދަލުކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ޤަވާޢިދު ތަން ނުދޭ ކަމަށެވެ.

"މިއަދު އެ ހުރީ އެ ބުނާ ތަންނު ދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނިކުމެ." އިޔާޒް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި "އާކްސް ސްޕީކާ" ޕްރޮގްރާމްގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓެއް ނުނަގައި، ޕްރައިމަރީއެއްގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ނިޒާމީ ވޯޓެއްގެ ވާހަކަ ނަޝީދު ދައްކަވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށެވެ. ނަމަވެސް ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ނަޝީދު ބަރުލަމާނީ އަށް ތާއީދުކުރައްވަނީ ބޮޑުވަޒީރެއްގެ މަގާމަށް ދަހިވެވަޑައިގެންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީ ބާއްވާނެ ތާރީހެއް އެ ޕާޓީއަކުން އަދިވެސް ނުނިންމަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާ އިރު، ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެކަމުގެ އަޑުތައް ފަދަ އެވެ.

ރޭ ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ އެތައް ޒަމާނެއް ވަންދެން އެމްޑީޕީ ވެރިކަމުގައި އޮންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އުއްމީދު ނުގެއްލޭ ކަމަށާއި އަދި ސިޔާސީ ގޮތުން އެމްޑީޕީ އަށް ނާކާމިޔާބުވާކަށް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކީ މި ރާއްޖޭގެ ވެރިކަމުގައި އެތައް ޒަމާނެއް ވަންދެން އިރާދަކުރެއްވިއްޔާ ތިބޭނެ ބައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މި މަސައްކަތުގައި ދެމި ތިބެވެން ޖެހޭ އެންމެ މުހިއްމު، ހަމައެކަނި ސަބަބަކީ ވެސް މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން."