Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ޕާކިސްތާންގެ ފިލްމެއް އިންޑިއާގެ ސިނަމާތަކަށް

އިންޑިއާ އިން އަބަދު ވެސް ވަރުގަދަ ދުޝްމަނެއްގެ ގޮތުގައި ދެކޭ އަވައްޓެރި ޕާކިސްތާންގެ ފިލްމެއް ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަންނަ މަހުގެ 23 ގައި އިންޑިއާގެ ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒްކޮށް މިހާތަނަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ދަ ލަޖެންޑް އޮފް މޯލާ ޖަޓް" ކަމަށެވެ. މި ފިލްމުގެ ތަރިންނަކީ ބޮލީވުޑްގެ ފިލްމުތަކެއް ކުޅެފައިވާ ފަވާދު ޚާނާއި މާހިރާ ޚާނެވެ.

ފަވާދު ކުޅުނު ހިންދީ ފިލްމުތަކަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި އެ އަހަރުގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން 2014 ގެ "ހޫބްސޫރަތު" އެވެ. މާހިރާގެ ބޮލީވުޑް ފިލްމަކީ ޝާހްރުކް ޚާންގެ 2016 ގެ "ރައީސް" އެވެ.

"ދަ ލަޖެންޑް އޮފް މޯލާ ޖަޓް" އިންޑިއާގައި އަޅުވަން މަސައްކަތްކުރާ ތާރީހަކީ ރަންވީރު ސިންގްއާ އެކު ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ "ސާކަސް" ވެސް ސިނަމާތަކަށް ގެންނަން އޮތް ތާރީހެވެ.

އޮކްޓޯބަރު 13 ގައި ރިލީޒްކުރި "ދަ ލަޖެންޑް އޮފް މޯލާ ޖަޓް" އަކީ ބިލާލު ލަޝާރީ ޑައިރެކްޓްކުރި ޕީރިއަޑް އެކްޝަން ޑްރާމާއެކެވެ. މިއީ 1979 ގެ ކަލްޓް ކްލަސިކް "މޯލާ ޖަޓް" ގެ ރިމޭކެކެވެ. އާ ފިލްމަށް މިހާތަނަށް އެކި ހިސާބުތަކުން 9.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.