Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

ފިތުރު އީދަށް އޮތް ފިލްމު ސަލްމާން ނިންމާލައިފި

އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ވާހަކަ 57 އަހަރުގެ އެކްޓަރު ވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއަކާ އެކީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފަށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ އެއްޗެވެ. އޭނަ އެންމެ ފަހުން ގެނެސްދިނީ މާޗްގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އެވެ.

ކުރިން މި މަހުގެ 30 ގައި ރިލީޒްކުރަން ނިންމުމަށް ފަހު، އަންނަ އަހަރަށް ފަސްކުރި "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އިން ބޮލީވުޑަށް ބަތަލާއިންތަކެއް ލޯންޗް ވެސް ކުރާނެ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް 13" އިން ވިދި ޝެހެނާޒް ގިލް (ސަނާ) އާއި ކުރީގެ މަޝްހޫރު ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގައި ޕްރޭރްނާގެ ރޯލު ކުޅުނު ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ހިމެނެ އެވެ.

އަންނަ އަހަރުގެ އެޕްރީލް 21 އަށް ތާވަލުކޮށްފައި އޮތް ފިލްމުގެ ލީޑް ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޖައްސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގާމް، ވެންކަޓޭޝް، ޖަގަޕަތީ ބާބޫ އަދި މަލްވިކާ ޝަރުމާ ހިމެނެ އެވެ.

"ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ އިތުރުން އަންނަ އަހަރު ސަލްމާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ 3" ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމު ރިލީޒްކުރާނީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.