އަނިޔާގެ ސަބަބުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސެސް އަށް ވޯލްޑް ކަޕް ނިމިއްޖެ އެވެ.
ޖީސެސް އަށް އަނިޔާވެފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ކެމަރޫން އަތުން 1-0 އިން ބްރެޒިލް ބަލިވި މެޗުގަ އެވެ. ޖީސެސްގެ އިތުރުން އެ މެޗުގައި ބްރެޒިލްގެ ޑިފެންޑަރު އެލެކްސް ޓެލެސް އަށް ވެސް ވަނީ އަނިޔާވެފަ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާތަކާ ގުޅިގެން ހެދި ޓެސްޓުތަކުން އެ ދެ ކުޅުންތެރިންނަށް ވެސް ދެން މި މުބާރާތުގައި އިތުރަށް ނުކުޅެވޭނެކަން ޔަގީންވެފައިވާ ކަމަށެވެ.
މި ދެ ކުޅުންތެރިންނަށް އަނިޔާވިއިރު ބްރެޒިލްގެ ފޯވާޑް ނޭމާ އަދި ޑިފެންޑަރު ޑެނީލޯ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. އެ ދެ ކުޅުންތެރިންނަށް ދެވަނަ ބުރުގައި ބްރެޒިލް ކުޅޭ މެޗުގައި ކުޅެވޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ބްރެޒިލް ބައްދަލުކުރާނީ ދެކުނު ކޮރެޔާއާ އެވެ.