Last Updated: July 17, 05:40
Friday, July 17, 2026
ކުޅިވަރު

މެޗު ޕްރިވިއު: ނެދަލޭންޑްސް-އެމެރިކާ

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ މެޗުތައް މިރޭ ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސް އާއި އެމެރިކާ އެވެ.

ނެދަލޭންޑްސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ނެދަލޭންޑްސް މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެމެރިކާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެމެރިކާ މޮޅުވީ އެއް މެޗުންނެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެފަހުން ނެދަލޭންޑްސް އިން ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް އެޓީމުން ދެވަނަ ބުރު ފަހަނައަޅާ ގޮސްފައިވާއިރު ދެވަނަ ބުރުން އެޓީމު އެންމެފަހުން ކެޓީ 2006 ވަނަ އަހަރު އެވެ. މި މުބާރާތުގައި ނެދަލޭންޑްސް އިން ކުޅޭ ސްޓައިލާ މެދު ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެޓީމަށް މުބާރާތުގައި ކުޅުނު ތިން މެޗުގައި ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ޖުމްލަ 8 ހަމަލާ އެވެ. ނަމަވެސް ބަލިނުވެ 18 މެޗު ނެދަލޭންޑްސް އިން ފުރިހަމަކޮށްފައިވުމަކީ މި މެޗަށް ނިކުންނައިރު އެޓީމަށް އޮތް ހިތްހަމަޖެހުމެކެވެ.

ނެދަލޭންޑްސްއާ ހިލާފަށް އެމެރިކާ އިން އެންމެފަހުން ވާދަކުރި ތިން ވޯލްޑް ކަޕް ވެސް ނިންމާލަން ޖެހުނީ ދެވަނަ ބުރާ ހިސާބުންނެވެ. އެމެރިކާ އަށް އެންމެފަހުން މުބާރާތުގެ ކުއާޓާފައިނަލަށް ދެވުނީ 2002 ވަނަ އަހަރު އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް އެމެރިކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ކުޅުމަށް އެންމެފަހުން ތައުރީފް ކުރީ ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗު ލުއިސް ވެންހާލް އެވެ. 2002 ވަނަ އަހަރަށްފަހު އެމެރިކާ އަށް ޔޫރަޕްގެ ޓީމެއް ބަލިވެފައި ނުވާއިރު ކުއާޓާފައިނަލަށް ދިޔުމަށް އެމެރިކާ އިން މިރޭ އެ ސިލްސިލާ އަށް ނިމުން ގެންނަން ޖެހެ އެވެ.

ނެދަލޭންޑްސް

ވޯލްޑް ކަޕްގައި ޔޫރަޕް ނޫން ޓީމުތަކާ ދެކޮޅަށް އެންމެފަހުން ކުޅުނު 19 މެޗުން ވެސް ނެދަލޭންޑްސް ބަލިވެފައެއް ނުވެ އެވެ. އެގޮތުން ނެދަލޭންޑްސް އެންމެފަހުން ވޯލްޑް ކަޕެއްގައި ޔޫރަޕް ނޫން ޓީމެއް އަތުން ބަލިވީ 1994 ވަނަ އަހަރު ބްރެޒިލް އަތުންނެވެ.

ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން ކުޅެ ނެދަލޭންޑްސް އިން އެންމެފަހުން ވޯލްޑް ކަޕްގައި ކުޅުނު 10 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ހަތް މެޗުން އެޓީމު މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް ނެދަލޭންޑްސް ޓީމުގައި ނެތެވެ.

އެމެރިކާ

ޔޫރަޕްގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 11 މެޗުން ވެސް އެމެރިކާ އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ހަ މެޗުން އެމެރިކާ ބަލިވިއިރު ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެމެރިކާ އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އެމެރިކާ އެންމެފަހުން ދެވަނަ ބުރުގެ މެޗަކުން މޮޅުވީ 2002 ވަނަ އަހަރު މެކްސިކޯ އަތުންނެވެ.

މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް އެމެރިކާ ޓީމުގައި ވެސް ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

އެމެރިކާއާ ނެދަލޭންޑްސް ފަސް ފަހަރެއްގެ މަތިން މީގެކުރިން ބައްދަލުކޮށްފައިވެ އެވެ. އޭގެތެރެއިން ހަތަރު މެޗުން ނެދަލޭންޑްސް މޮޅުވިއިރު އެމެރިކާ އަށް މޮޅުވީ އެންމެ މެޗަކުންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2015 ވަނަ އަހަރުގައި ކަމަށްވާއިރު އެ މެޗު 4-3 އިން ކާމިޔާބުކުރީ އެމެރިކާ އިންނެވެ.

ނެދަލޭންޑްސް އާއި އެމެރިކާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.