ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ 3-1 އިން އެމެރިކާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ނެދަލޭންޑްސް ދަތުރުކޮށްފި އެވެ.
މިއީ މުބާރާތުގެ ކުއާޓާފައިނަލަށް ނެދަލޭންޑްސް ދަތުރުކުރި ހަވަނަ ފަހަރެވެ. ކުއާޓާގައި ނެދަލޭންޑްސް ބައްދަލުކުރާނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.
ގަތަރުގެ ހަލީފާ އިންޓަނޭޝަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ކުރީކޮޅު އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާ ތެރެއިން ހުހަށް ހުރެ ޕުލިސިޗް ފޮނުވާލި ހަމަލާ ދިފާއުކުރީ ނެދަލޭންޑްސްގެ ކީޕަރު ނޮޕާޓް އެވެ.
އެ ފުރުސަތުގެ ބޭނުން ޕުލިސިޗް އަށް ނުހިފުނުއިރު މެޗުގެ 10 ވަނަ މިނެޓްގައި މެމްފިސް ޑެޕާއި ވަނީ ނެދަލޭންޑްސް އަށް ލީޑު ނަގާދީފަ އެވެ. ޑެޕާއި މި ގޯލް ކާމިޔާބުކުރީ ޑެންޒެލް ޑަމްފްރީސް އެމެރިކާގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން އެމެރިކާ އިން މަސައްކަތް ކުރި ނަމަވެސް ހާފްގެ އެންމެފަހު މިނެޓްގައި ޑޭލީ ބްލިންޑް ވަނީ ނެދަލޭންޑްސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާގު ފަރަގު ކުޑަކޮށްލަން އެމެރިކާގެ ޓިމް ރީމް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ކުޅުންތެރިއަކު ވަނީ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކޮށްފަ އެވެ.
މި ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔައިރު މެޗުގެ 76 ވަނަ މިނެޓްގައި ހާޖީ ރައިޓް ވަނީ ގޯލެއް ކާމިޔާބުކޮށް އެމެރިކާ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. އޭގެ އިރުކޮޅެއްފަހުން ނެދަލޭންޑްސްގެ ގޯލަށް ޕުލިސިޗް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވެ އެވެ.
ނަތީޖާ އެއްވަރުކުރަން އެމެރިކާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދަނިކޮށް މެޗުގެ 81 ވަނަ މިނެޓްގައި ޑަމްފްރީސް ވަނީ ނެދަލޭންޑްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާ އިން އެޓީމަށް ޖާގަ ކަށަވަރުކޮށްދީފަ އެވެ. ޑޭލީ ބްލިންޑް ނަގައިދިން ހުރަހަކުން ޑަމްފްރީސް މި ގޯލް ކާމިޔާބުކުރީ އެމެރިކާގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ދެވަނަ ބުރުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ އާޖެންޓީނާއާ އޮސްޓްރޭލިއާ އެވެ. އެ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12 ޖަހާއިރު އެވެ.