ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ކުޅުން ފަށާފައިވާއިރު މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި އޮސްޓްރޭލިއާ އެވެ.
އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ސީ ގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އާޖެންޓީނާ މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އޮސްޓްރޭލިއާ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އޮސްޓްރޭލިއާ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ހަ ޕޮއިންޓް ހޯދާފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އޮސްޓްރޭލިއާ މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
އާޖެންޓީނާ އެންމެފަހުން ވާދަކުރި ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕެއްގައި އެޓީމު ވަނީ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ. އާޖެންޓީނާ ކުއާޓާ އަށް ނުގޮސް އެންމެފަހުން ކެޓީ މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހައިރާންކުރަނިވި ގޮތަކަށް ސައުދީ އަތުން ބަލިވި ނަމަވެސް އެންމެފަހުން ކުޅުނު ދެ މެޗުގައި އާޖެންޓީނާ އިން ވަނީ އެޓީމުގެ ފެންވަރު ދައްކާލާފަ އެވެ. އޮސްޓްރޭލިއާ އަކީ ފެންވަރުގެ ގޮތުން އާޖެންޓީނާއާ އެއްވަރުގެ ޓީމަކަށް ނުވި ނަމަވެސް މި ވޯލްޑް ކަޕްގައި ހައިރާންކުރަނިވި ނަތީޖާތަކެއް ޓީމުތަކުން ނެރެމުންދާތީ މިއީ އާޖެންޓީނާ ސަމާލުވާންޖެހޭނެ ކަމެކެވެ.
16 އަހަރަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދި އޮސްޓްރޭލިއާ އަށް މިހާތަނަށް މުބާރާތުގެ ކުއާޓާފައިނަލަށް ދެވިފައެއް ނުވެ އެވެ. އޮސްޓްރޭލިއާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ ފަހު މެޗުގައި ޔޫރަޕްގައި ފާހަގަކޮށްލެވޭ ޓީމެއް އޮތް ޑެންމާކް 1-0 އިން ބަލިކޮށްގެން ކަމަށްވާއިރު މި މުބާރާތުގައި އޮސްޓްރޭލިއާ އިން ވަނީ މަތީ ފެންވަރުގެ ޓީމުތައް ވެސް އެޓީމަށް ބަލިކުރެވޭނެކަން ސާބިތުކޮށްދީފަ އެވެ. ނަމަވެސް އާޖެންޓީނާ މެޗަކީ އޮސްޓްރޭލިއާ އަށް ކުރިމަތިވާނެ ބޮޑު އިމްތިހާނެއް ކަމަށްވާއިރު ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެންމެ މޮޅު ކުޅުން ދައްކައިގެން މެނުވީ އެޓީމު ބަލިކުރުން ވާނީ އުނދަގޫ ކަމަކަށެވެ.
އާޖެންޓީނާ
މިއީ އޯޝޭނިއާ ސަރަހައްދަށް ނިސްބަތްވާ ޓީމަކާ ދެކޮޅަށް އާޖެންޓީނާ ކުޅޭ އަށްވަނަ މެޗެވެ. މީގެކުރިން ހަތް މެޗު ވެސް ކުޅުނީ އޮސްޓްރޭލިއާއާ ދެކޮޅަށް ކަމަށްވާއިރު ފަސް މެޗުން އާޖެންޓީނާ ވަނީ މޮޅު ހޯދާފަ އެވެ.
މިރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގޯލެއް ކާމިޔާބުކޮށްފިނަމަ އެ ގޯލް ވެގެންދާނީ އޭނާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކާމިޔާބުކުރާ ފުރަތަމަ ގޯލަށެވެ. މިރޭގެ މެޗަކީ މެސީގެ ކެރިއަރުގެ 1،000 ވަނަ މެޗުވެސް މެ އެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ އެންހެލް ޑިމަރިޔާ އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
އޮސްޓްރޭލިއާ
ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން މީގެކުރިން ވަނީ ހަތަރު ފަހަރެއްގެ މަތިން ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅެފަ އެވެ. އެ ހަތަރު މެޗުން ވެސް އޮސްޓްރޭލިއާ އަށް މޮޅެއް ހޯދިފައި ނުވާއިރު އޭގެތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.
އާޖެންޓީނާއާ ދެކޮޅަށް ހަތް މެޗު ކުޅެގެން އޮސްޓްރޭލިއާ އަށް ހޯދުނީ އެންމެ މޮޅެކެވެ. އެ މޮޅު ހޯދިފައިވަނީ 1988 ވަނަ އަހަރު އެވެ.
މި މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލައެއް އޮސްޓްރޭލިއާ ޓީމުގައި ނެތެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
އެންމެފަހުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ހަތް މެޗުގެ ތެރެއިން އޮސްޓްރޭލިއާއަށް ހޯދުނީ އެންމެ މޮޅެކެވެ. އެ މޮޅު އޮސްޓްރޭލިއާ އިން ހޯދީ 1988 ވަނަ އަހަރު ކަމަށްވާއިރު، މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ 2007 ވަނަ އަހަރު އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އާޖެންޓީނާ އިންނެވެ.
އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.