Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެސީގެ ގޯލަކާއެކު އާޖެންޓީނާ ކުއާޓާ އަށް

އޮސްޓްރޭލިއާ 2-1 އިން ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.

އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގައި އެންމެފަހުން ވާދަކުރި ހަ ފަހަރުގެ ތެރެއިން ފަސް ފަހަރު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ. މުބާރާތުގެ ކުއާޓާގައި އާޖެންޓީނާ ބައްދަލުކުރާނީ ނެދަލޭންޑްސްއާ އެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 35 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. މި ގޯލް މެސީ ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކަމަށްވާއިރު މިއީ އޭނާގެ ކެރިއަރުގެ 1،000 ވަނަ މެޗެވެ.

މިއީ މެސީ ވޯލްޑް ކަޕްގައި ކާމިޔާބުކުރި 9 ވަނަ ގޯލު ކަމަށްވާއިރު މި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި ދެވަނަ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއާ އަށެވެ. ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއަލް ބަޓިސްޓޫޓާ އެވެ. އެއީ 10 ގޯލެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާޖެންޓީނާ އިން ނިންމާލިއިރު މެޗުގެ 57 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒް މި ގޯލް ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ކެޕްޓަން މެޓް ރަޔަން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މި ގޯލަށްފަހު އާޖެންޓީނާ އިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންދަނިކޮށް އޮސްޓްރޭލިއާ އިން ވަނީ މެޗުގެ 77 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލު ވަދެފައިވަނީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ އޮސްޓްރޭލިއާގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒްގެ ގައިގައި ޖެހިފަ އެވެ.

މި ގޯލާއެކު މެޗުގެ ފޯރިގަދަ ވެގެންދިޔައިރު އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ އޮސްޓްރޭލިއާގެ ކުއޯލް އަށް އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ކުޅޭ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.